ޕީޖީ އޮފީހުގެ މުވައްޒިފުން ހަފްތާއަކު 4 ދުވަހު މަސައްކަތް ކުރާގޮތަށް ހަމަޖައްސައިފި

ޕީޖީ އޮފީހުގެ މުވައްޒިފުން ހަފްތާއަކު 4 ދުވަހު މަސައްކަތް ކުރާގޮތަށް ހަމަޖައްސައިފި

Author
މުޙައްމަދު ޝަޒައިމް
19 ޖޫން 2023 10:13
0

ތަޖުރިބާއަކަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މުވައްޒިފުން ހަފްތާއަކު 4 ދުވަހު އޮފީހަށް ނިކުންނަ ގޮތަށް ހަމަޖައްސަވައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިގޮތަށް ކަނޑައަޅުއްވާފައިވަނީ މިފެށޭ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 4 ވަނަ ދުވަހައި ހަމައަށެވެ. މި މުއްދަތުގައި އެއޮފީހުގެ މުވައްޒިފުން އޮފީހަށް ހާޒިރުވެ މަސައްކަތް ކުރާނީ ހަފްތާއަކު 4 ދުވަހުއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ "ހަތަރު ދުވަހުގެ މަސައްކަތު ހަފްތާ"ގެ މުއްދަތުގައި މުވައްޒަފުންގެ ޕާރފޯމަންސް ދުވަހުން ދުވަހަށް ބަލަމުންގޮސް، މި ތަޖުރިބާއަކީ ނާކާމިޔާބު ތަޖުރިބާއެއްނަމަ، މި ތަޖުރިބާ ހުއްޓާލައި ޢާންމު އުޞޫލުން 5 ދުވަހު މަސައްކަތްކުރާގޮތަށް އަލުން އިޢާދަކުރެވޭނެ ކަމަށެވެ.

ޕީޖީ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާގޮތް:

1. ޕީޖީ އޮފީހުން ދޭ ޚިދުމަތްތައް ޢާންމު އުޞޫލުން ހަފްތާގެ 5 ދުވަހު (ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު) ދެމުން ގެންދިއުން

2. ހަފްތާގެ 5 ދުވަހުގެ ތެރެއިން 1 ދުވަސް މުވައްޒަފު އޮފީހަށް ނުކުމެ މަސައްކަތްކުރަން ނުޖެހޭގޮތަށް ހަމަޖެއްސުން

3. މިފަދައިން އޮފީހަށް ނުކުމެ މަސައްކަތް ނުކުރާ ދުވަސް އޮފީހުގެ މަސައްކަތްތަކަށް ހުރަސް ނޭޅޭގޮތަށް މުވައްޒަފުންގެ މެދުގައި ބަހާލުން

4. ގޭގައި މަސައްކަތްކުރާ ދުވަސްތަކުގައިވެސް ޕްރޮސިކިއުޓަރުން ކޯޓަށް ދާންޖެހުންފަދަ، އޮފީހަށް ނުކުމެ މަސައްކަތްކުރަންޖެހޭފަދަ އެނޫންވެސް މަސައްކަތެއް އޮތްނަމަ އޮފީހަށް ނުކުމެ މަސައްކަތްކުރުން. (އެދުވަހަކީ އޮފީހަށް ނުކުމެ ކޮންމެހެން ކުރަންޖެހޭ މަސައްކަތްކޮށް ނިންމުމުން ފުދޭ، ގަޑި ނުޖެހޭ ދުވަހެއް ގޮތުގައި އޮތުން)

5. މި މުއްދަތުގައި މުވައްޒަފު ސަލާމް ނުވަތަ ޢާއިލީ ޒިންމާ ޗުއްޓީއެއް ނަންގަވައިފިނަމަ ޖެހިގެން އަންނަ ހަފްތާގައި ޢާންމު އުޞޫލުން 5 ދުވަހު އޮފީހަށް ނުކުމެ މަސައްކަތްކުރުން

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަކީ ވަޒީފާއާއި ޢާންމު ދިރިއުޅުމުގައި ބެލެންސެއް ގެންގުޅޭ، ނަފްސާނީ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ތަޞައްވުރެކެވެ. "ހަތަރު ދުވަހުގެ މަސައްކަތު ހަފްތާ" އަކީ މި ތަޞައްވުރު ޙާޞިލްކުރުމަށްޓަކައި، މިކަމަކީ ދާއިމީގޮތެއްގައި ކުރެވިދާނެ ކަމެއްތޯ ބަލައި ތަޖުރިބާ ކުރުމަށްތަކައި ކުރާ ކަމެއްކަމަށް އެއޮފީހުން ވިދާޅުވެއެވެ.

ޕީޖީ އޮފީހުންވާނީ ފާއިތުވެދިޔަ ރަމަޟާންމަހުގެ ތެރޭގައި (23 މާރިޗު 2023 އިން 27 އެޕްރީލް 2023 އަށް) ހަތަރު ދުވަހުގެ މަސައްކަތު ހަފްތާގެ ފުރަތަމަ ފިޔަވައި ކާމިޔާބުކަމާއެކު ތަޖުރިބާ ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.