އައްޑޫ ޓޫރިޒަމް ތަރައްޤީ ނުވަނީ ރަށްތައް ނެތިގެން ނޫން ކަމަށާއި، ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތުމުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ ޢުމްރާނީ އިޤްތިޞާދީ ތަރައްޤީގެ މަޝްރޫޢުތައް ނިމިގެންދާއިރު އައްޑޫގައި ފަތުވެރިކަމުގެ މުޅިން އައު ބާބެއް ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައި ވަނިކޮށެވެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އައްޑޫގައި ކުރިޔަށްދާ މަޝްރޫޢުތައް ނިމޭއިރު އައްޑޫއިން ފަތުރުވެރިކަމަށް 7000 އެނދު އޮޕަރޭޝަނަށް ނެރެވޭނެކަމަށެވެ.
މިހާރު ހިނގަމުންދާ މަގުހެދުމާ ބިން އިތުރުކުރުމުގެ މަސައްކަތް ޑިޒައިންވެގެން ކުރިއަށް އެދަނީ، ހަންކެޑެ ނިމޭއިރު އެތަނާ ގުޅޭ ފުރިހަމަ ޕްލޭނާ އެއްގޮތަށް. ހަންކެޑެ މަޝްރޫޢުގެ ތެރެއިން އައްޑޫ ސިޓީގެ އެހެން ރަށްތަކަށް ޖުމްލަ 600 ޓޫރިސްޓު އެނދު އިތުރުވާނެ. މިއީ ޖުމްލަ 2682 އެނދު އިތުރުވެގެންދާނެ މަޝްރޫއެއް. މިހާރު ޕްރޮޖެކްޓް ކުރެވިފައިވާ ތަފާތު މަޝްރޫޢުތަށް ނިމޭއިރު ޖުމްލަ 7000 ޓޫރިސްޓު އެނދު އައްޑޫ ސިޓީގައި އޮޕަރޭޓްވެގެންދާނެ.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސްގެ މިވާހަތަކާއި ގުޅިގެން ރައީސް ނަޝީދު މިއަދު ވިދާޅުވީ އައްޑޫގެ ފަތުރުވެރިކަމާއި ގުޅިފައިވާ ވިލިނިގިނލި، ހެރެތެރެ، އަދި ހަންކެޑެ އަދިވެސް އޮތީ ރަނގަޅަށް ހިނގާ ނުގެނެވިކަމަށެވެ. މިސަރުކާރުން އައްޑޫގައި އިތުރު ރަށްތަކެއް ހިއްގައިގެން ފަތުރުވެރިކަން ފުޅާކުރާ ވާހަކަ ދައްކަވާއިރު ހުރިި ތަންތަން ރަނގަޅަށް ނުހިނގާކަމީ މިކަމުގައި ިއހުލާސްތެރިކަމެއް ނެތްކަން ހާމަވާ ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ވިލިނިގިނލި، ހެރެތެރެ، އަދި ހަންކެޑެ އަދިވެސް އޮތީ ރަނގަޅަށް ހިނގާ ނުގަނެވި. އަޑޫ ސިޓީގެ ޓޫރިޒަމް ތަރައްޤީ ނުވެ އުޅެނީ ރަށް ނެތިގެން ނޫން. މި ސަރުކާރުގެ އިހުލާސްތެރި މަސައްކަތް މިކަމަށް ނުކުރެވިގެން. ގަން އެއާޕޯޓް ހިންގަން ފެށުމުގެ އައު ވިސްނުމަށް މިވަނީ މާލަސްވެފަ.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުނިޔެއަށް ހުޅުވާލެވޭ ވަރުގަދަ ސިޓީއަކަށް އައްޑޫ ސިޓީ ހެދުމަކީ މީގެކުރިން ތަކުރާރުކޮށް އިވުނު އަޑެއްކަމަށެވެ. އަދި މިހާރު ސަރުކާރުން މަސައްކަތް މިކުރަނީ އެކަން ޙަގީގަތަކަށް ހެދުމަށްކަމަށް ރައީސް ވިދާޅުވިއެވެ. އައްޑޫ ސިޓީގެ ބިން ހިއްކުމަކީ އެސިޓީ ޙަގީގީ މާނައިގައި ތަރައްޤީކުރުމަށް ކޮންމެހެން ބޭނުންކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.