އެއްވެ އުޅުމުގެ ފުރުސަތު މާލޭގައި މިހާރު އޮތްމިންވަރު ރޭގެ ޖަލްސާގެ ކުރީ ސަފުގައިތިބި މީހުންނަށް އިހުސާސް ކުރެވޭނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
2018 ވަނަ އަހަރު އޭރުގެ ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް މަޖިލިސް ތެރެއިން ރައީސް ޔާމީންގެ ޕީޕީއެމްއާއި ދެކޮޅަށް މަސައްކަތް ކުރި 12 މެމްބަރުންގެ ތެރޭގައި ހިމެނޭ އަމީތަކީވެސް މާލޭގައި ހިންގުނު އެކި ހަރަކާތްތަކުގައި ޖަލަށްލައި، ގޮޑި ގެއްލުވާލި މެމްބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.
އޭރުގެ އިދިިކޮޅު ފަރާތްތަކުގެ ތެރެއިން ރައީސް ނަޝީދަށް މިހާރު ތާއީދުކުރާ ދަ ޑިމޮކްރެޓްސްގެ ބޭފުޅުންނާއި، ކާނަލް ނާޒިމްއާއި، ޑރ.ޖަމީލާއި، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބޭފުޅުންނަކީ މިއަނިޔާ އެންމެބޮޑަށް ލިބުނު ބޭފުޅުންނެވެ. އޭރުގެ ވެރިކަމާއި ދެކޮޅަށް އަޑު އުފުލައި ޝުއޫރު ފާޅު ކުރުމަކީ ޖާގަދޭ ކަމެއްނޫނެވެ. ފުލުނުން ފޮނުވައިގެން ކަރުނަގޭހާއި، ޕެޕާސްޕްރޭ ބޭނުންކޮށް އެއްވުންތައް ދިޔައީ ރޫޅާލަމުންނެވެ.
ނަމަވެސް މިވެރިކަމުގެ ދައުރު ހަމަވާން 3 މަހަށް ވެފައިވާއިރު، އިދިކޮޅު އިއްތިހާދެއް އެކުލަވާލައި ޗާގޯސް މައްސަލާގައި ދަނީ އެކީގައި މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގައި ރޭ މާލޭގެ ކާނިވަލުގައި ބޭއްވި އެއްވުމަކީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އެއްތަނކުން ފެނިގެންދިޔަ ފުރަތަމަ ޖަލްސާއެވެ. މިޖަލްސާގައި ރައީސް ޔާމީންގެ ވެރިކަން ނިންމަން ބައިއަތުހިފި އެތައްބަޔަކު ރައީސް ޔާމީންގެ ޕީޕީއެމްގެ ބޭފުޅުންނާއިއެކު ތިއްބެވީ އެއްމައިދާނެއްގައެވެ.
އަމީތު ވިދާޅުވީ އޭރުގެ ހާލަތަކާއި މިއަދުގެ ހާލަތު އެންމެ ބޮޑަށް ވަޒަން ކުރެވޭނެ ބޭފުޅުން ރޭގެ ޖަލްސާގެ ކުރީ ސަފުގައި ތިއްބެވި ކަމަށެވެ. ޒާތީ ހަސަދަތަކާއި، ސިޔާސީ ޖަޒުބާތުތައް އެއްފަރާތްކޮށް މިއަދު އެއްސަފެއްގައި ތިބެ ޚިޔާލް ފާޅުކޮށް އެއްވުންތައް ބޭއްވުމަށް އޮތް ފުރުސަތު ރޭގެ ޖަލްސާއިން ފެނިގެން ގޮސްފައިވާކަމަށް އަމީތު ވިދާޅުވިއެވެ.
މާލޭގަ ބޮޑެތި އެއްވުން ބާއްވަން މިއަދު ޖާގަ އެބައޮތް. ޚިޔާލުފާޅު ކުރެވޭ. ޗާގޮސް ޖަލްސާގަ ތިއްބެވި ބައެއް ބޭފުޅުންނަށް މި ތަފާތު ވަރަށް ރަގަޅަށް ރޭގަ އިހުސާސް ކުރެއްވޭނެ. ޒާތީ ހަސަދައާ ސިޔާސީ ޖަޒުބާތުން ދުރުވެ އެދުވަހު ތިއްބެވި ތަނާއި، ހާލަތު މިއަދު ވަޒަން ކުރައްވާ!
– އަމީތު ވިދާޅުވިއެވެ.
ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ޖަލްސާ
#KanduVikkumaaDhekolhu
#KanduVikkaaIbu pic.twitter.com/EkeoHk2DZH— Progressive Party of Maldives (@ProgressPartyMV) June 2, 2023
މިޖަލްސާއަކީ ޕީޕީއެމުން އިސްވެ އޮވެ ބާއްވާ ޖަލްސާއެއްގައި ފުރަތަމަ ފަހަރަށް އެމްޑީޕީގެ ރައީސްގެ މަގާމުގައި މިވަގުތާ ހަމައަށް ވެސް ހުންނެވި ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ބައިވެރިވި ފުރަތަމަ ޖަލްސާއެވެ. މިޖަލްސާގައި ރައީސް ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ވައްޓާލުމުގެ އަޑީގައި ހުންނެވި އަދި އިސް ދައުރެއް އަދާކުރިކަމަށް އެބޭފުޅުން ތުހުމަތު ކުރައްވާ ރައީސް ނަޝީދުގެ ކުރީގެ ނައިބް ރައީސް ޑރ.ވަހީދުވެސް ބައިވެރި ވިއެވެ.
ރޭގެ ޖަލްސާ ބާއްވަން ކުޑަތަން ވެފައިވަނިކޮށް ފުލުހުން ވަނީ ބަޔާނެއްވެސް ނެރުއްވާފައެވެ. ފުލުހުން ވިދާޅުވެފައިވަނީ، ރޭގެ ޖަލްސާގައި މަސްލަހަތު ނަގާލައި ހަމަ ނުޖެހުމަށް ޖާގަ ލިބޭފަދަ ކަންކަން ކުރުމަށް މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. ނަމަވެސް ރޭގެ ޖަލްސާ ނިމިގެން ގޮސްފައިވަނީ ސުލްހަވެރިކަމާއިއެކު އެއްވެސް ހަމަނުޖެހުމެއް ނެތިއެވެ.
ކޮމެންޓު ފޮނުވާ