ފޯޅަވައްސާ ދިމާލުން ދިވެހިރާއްޖޭގެ އިން ކަނޑައެޅި މައްސަލައިގައި ސަރުކާރުން އަމަލު ކުރި ގޮތް ކުށްވެރިކުރަން އިދިކޮޅު ފަރާތްތަކުން ރޭ ކުރިއަށްގެންދާ ޖަލްސާގައި "އިންޑިއާ އައުޓް" ބެނާއެއް ސަރުކާރުން ރާވައިގެން ސަރުކާރުން ފޮނުވި ބަޔަކު ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އިންޑިއާގެ ސިފައިން ދިވެހިރާއްޖޭގައި ގާއިމްވެ ތިބުމާ ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ފެށި އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވަން ސަރުކާރުން މީގެ ކުރިން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އެ ކެމްޕެއިން މަނާ ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގަރާރެއް ވެސް ނެރުއްވިއެވެ.
ސަރުކާރުން ކުރިމަތި ކުރުވި ފިއްތުންތަކާއެކު އިދިކޮޅުގެ ކެމްޕެއިން މަޑުޖައްސާލާފައި އޮއްވައި ރޭގެ ޖަލްސާގައި އިންޑިއާ ައުޓް ބެނާއެއް ވަނީ ދަމާފައެވެ.
މިކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މިއީ ސީދާ ސަރުކާރުން ރާވައިގެން ހިންގި ޢަމަލެއް ކަަމަށެވެ. ރޭގެ ހަރަކާތް ފެށުމުގެ ކުރިންވެސް ސަރުކާރުން ބޭނުންވީ މި ހަރަކާތަކީ ހަމަޖެހުން ނަގާލައި ސުލްހަވެރި ނޫން ހަރަކާތެއް ގޮތުގައި ދެއްކުން ކަމަށާއި، ނަމަވެސް އެކަން ކާމިޔާބު ނުވިކަމަށެވެ. އިންޑިއާ އައުޓް ބެނާ ދެމި ގޮތާއި އެކަން ކުރި ގޮތުގެ ބޭނުންވެސް އެންމެ ރަނގަޅަށް އެގޭނީ ސަރުކާރަށް ކަމަށް އިދިކޮޅުން ބުނެފައިވެއެވެ.
ޖަލްސާ ސުލްހަވެރިކަމާއެކު ހިނގަމުން ދަނިކޮށް މިތާގައި ހަމަނުޖެހުން ހިންގުމަށް ސަރުކާރުން ރާވައިގެން އެބަ މީހުން ފޮނުވާ. އެމީހުންގެ އަތުގައި އިންޑިއާ އައުޓް ބެނާއެއް އޮވޭ. ޖަލްސާ ތެރެއަށް ވަދެ ބެނާ ހުޅުވައި ފޮޓޮއެއް ނަގާފަ ދުވެ ބަޗަނީ! ވަރަށް ސިކު އަމަލެއް. މިކަން މިހިނގާގޮތް ތިބޭފުޅުންނަށް އެގޭނެ.
– މި ހަރަކާތުގެ އިސް ބައިވެރިއެއް ކަމަށްވާ ޝުޖާ ވިދާޅުވިއެވެ.
އިންޑިއާ އައުޓް ބެނާއެއް ރޭގެ ޖަލްސާގައި ދެމިއިރު، މި ހަރަކާތަކީ ކާނަލް ނާޒިމްއާއި، ރައީސް ނަޝީދާއި، އަދި ޖޭޕީންވެސް ތާއީދު ކުރާ ހަރަކާތެއް ނޫނެވެ.
ފޯޅަވައްސާއި ދިވެހިރާއްޖެއާ ދެމެދު އޮތް ކަނޑުގެ ފުށުއަރާ ސަރަހައްދު ބަހަން ޖެހުނީ ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސް އަށް އޮތް ކަމަށް ކަނޑައެޅުމުން އެ ގައުމުން ދާދި ފަހުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
އެ މައްސަލައިގައި އިދިކޮޅުން ބުނަނީ ކަނޑު ބެހި ގޮތުން ދިވެހިންނަށް ކަނޑުން ހައްގުވާ ބައެއް ގެއްލިއްޖެ ކަމަށެވެ. ގާނޫނުތައް ބުނާ ގޮތުން ދެ ގައުމެއްގެ ސަރަހައްދު ފުށު އަރައިފި ނަމަ ދެން ޖެހޭނީ ކަނޑައެޅިފައި އޮންނަ އުސޫލަކުން ބަހާށެވެ. އިދިކޮޅުން ބުނަނީ ބެހިއިރު ސަރުކާރުން މަސައްކަތް ކުރީ ގައުމަށް ގެއްލުންވާނެ ގޮތަށް ކަމަށެވެ.
އެކަމަކު އެ މައްސަލައިގައި ސަރުކާރުން ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު އިތުރަށް ބޮޑުވީ ކަމަށެވެ. ސަރުކާރުން ބުނަނީ ރާއްޖޭގެ ދެކުނުން ބޯޑަރު ކަނޑަނާޅައި އޮތުމުން ހަގީގަތުގައި ރާއްޖެއަށް މީގެ ކުރިން ލިބެނީ އަދި ބޭނުން ކުރެވުނީ ވެސް ކުޑަ ތަންކޮޅެކެވެ. ނަމަވެސް ކޯޓުގެ ނިންމުމާއެކު ލިޔެވި، ކަނޑައެޅިފައިވާ ޗާޓަކުން ރާއްޖެއަށް ކަނޑުން ބައެއް މިލްކުވީ ކަމަށް ސަރުކާރުން ދެކެއެވެ.