ޗާގޮސް ޖަލްސާގައި ގާނޫނާއި ޚިލާފް އެއްވެސް އަމަލެއް ނުހިންގުމަށް ފުލުހުން އިލްތިމާސް ކޮށްފި

ޗާގޮސް ޖަލްސާގައި ގާނޫނާއި ޚިލާފް އެއްވެސް އަމަލެއް ނުހިންގުމަށް ފުލުހުން އިލްތިމާސް ކޮށްފި

Author
ހުސެއިން
02 ޖޫން 2023 06:20
0

އިދިކޮޅު ބައެއް ޕާޓީތަކުން އިންތިޒާމް ކޮށްގެން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައި ގާނޫނާއި ޚިލާފް އެއްވެސް އަމަލެއް ނުހިންގުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ޗާގޮސް މައްސަލާގައި ސަރުކާރަށް ޕްރެޝަރު ކުރުމަށް ޗާގޮސް ކޯލިޝަނުން މިރޭ 8:30ގައި ބޭއްވުމަށް ހަމަޖައްސާފައިވާ ޖަލްސާއާއި ގުޅޭގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ގާނޫނު އަސާސީގެ 32 ވަނަ މާއްދާއިން ލިބިދޭ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުންކުރުމުގެ ހަމަތައް ގާނޫނު ނަމްބަރު 1/2013 "ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު" އާއި އެގާނޫނަށް އިސްލާހު ގެނެސްފައިވާ ގާނޫނުތަކުގައި ބަޔާން ކޮށްފައިވާ ކަމުގައެވެ.

މިބަޔާނުގައި ފުލުހުން އިތުރަށް ވިދާޅުވެފައިވަނީ، ސުލްހަވެރިކަމާއެކު ހިންގާ ހަރަކާތްތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި، އެފަދަ ހަރަކާތްތައް ހިންގާ ސަރަހައްދުތަކުގެ މަގުތަކާއި އެނޫންވެސް ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުމަކީ އެ ޚިދުމަތުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ ކަމެއް ކަމުގައެވެ.

މިގޮތުން މިރޭ ކުރިޔަށް ގެންދިއުމަށް ތައްޔާރު ވަމުންދާ ހަރަކާތުގައި ބައިވެރިވުމަށް އަތޮޅުތެރެއިން މީހުން އަންނަ ކަމަށާއި، މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުން ގާނޫނާއި ޚިލާފް އަމަލުތައް ހިންގުމަށް ރާވަމުންދާ ކަމާއި، އަދި ބައެއް ފަރާތްތަކުން ގާނޫނާއި ޚިލާފް އަމަލުތައް ހިންގާނެކަމަށް ބުނަމުންދާކަމުގެ މައުލޫމާތު އެ ސާވިސްއަށް ލިބިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.

އެހެންކަމުން މިރޭގެ ޖަލްސާގައި، އާންމު ސުލްހައަށް ބުރޫއަރާނެ އެއްވެސް ކަމެއް ނުކުރުމަށާއި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތިން ކުރިޔަށް ގެންދިއުމަށާއި، ގާނޫނާއި ޚިލާފް އެއްވެސް އަމަލެއް ނުހިންގުމަށް އިލްތިމާސް ކުރާކަމުގައި ފުލުހުން ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.