ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޔޫކްރޭންގެ ޝަހުތަރު ޑޮނެސްކް އަތުން 2-0 އިން ބަލިވެ ރެއާލް މެޑްރިޑް ގްރޫޕް ސްޓޭޖުން ކެޓުމުގެ ޕްރެޝަރާ ކުރިމަތިލާން ޖެހިއްޖެއެވެ.
ޝަހުތަރުން ދެ ލަނޑުވެސް މެޗުގެ ދެ ވަނަ ހާފުގައި ކާމިޔާބުކުރިއިރު، ފުރަތަމަ ލަނޑު ޖެހީ ޑެންޓީނިއޯ އެވެ. އަދި ދެ ވަނަ ލަނޑު ޖެހީ މަނޯ ސަލޮމަން އެވެ. މިފަހަރު މުބާރުގައި ޝަތުހަރުން ވަނީ ދެ ލެގުވެސް ކާމިޔާބުކޮއްފައެވެ. ކުރިން މެޑްރިޑުގެ މައްޗަށް ގުރޫޕް ސްޓޭޖުގައި ދެލެގުން ކުރިހޯދި ދެޓީމަކީ 2018 ވަނަ އަހަރު ރަޝިޔާގެ ސީއެސްކޭ މޮސްކޯ އާއި 2008 ވަނަ އަހަރު އިޓަލީގެ ޔުވެންޓަސްއެވެ.
ގްރޫޕްގެ ފަހު ދެ މެޗު އަންނަ ހަފްތާގައި ކުޅޭއިރު، ރެއާލް އަމިއްލަ ދަނޑުގައި ކުޅޭ މުންޗެންގްލަޑްބެކާ އެވެ. އަނެއް ބުރުގެ ޖާގަ ޔަގީންކުރަން ރެއާލަށް މި މެޗުން މޮޅުވުން މަޖުބޫރެވެ. އެ މެޗު އެއްވަރުވެއްޖެނަމަ މުންޗެންގްލަޑްބެކަށް ފުރުސަތު ލިބޭ ގޮތަށް އޮތްއިރު އެ ޓީމު ބަލިވެއްޖެނަމަ ދެން އެ ޓީމަށް ފުރުސަތު ގެއްލޭނީ އިންޓަ އިން ޝަހުތަރު ބަލިކޮށްފިނަމަ އެވެ. ޝަހުތަރަށް ފަހު މެޗު އެއްވަރުކޮށްލައިގެން ވެސް އަނެއް ބުރުގެ ޖާގަ ލިބޭނެ އެވެ. އިންޓަ އަށް އެ މެޗުން މޮޅުވުން މަޖުބޫރެވެ.
ކޮންމެ ޓީމެއް ފަސް މެޗު ކުޅެ ބާކީ އެއް މެޗު އޮތްއިރު، ގްރޫޕް ބީގެ އެއް ވަނައިގައި މި ވަގުތު މުންޗެންގްލަޑްބެކް އޮތީ އަށް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޝަހުތަރާއި ތިން ވަނައިގައި އޮތް ރެއާލަށް ލިބިފައިވަނީ އަށް ޕޮއިންޓެވެ. އިންޓަ ހަތަރެއްގައި އޮތީ ފަސް ޕޮއިންޓާ އެކު އެވެ.