ޖެމްސް ވަރކް ސްޕޭސް" އިފްތޮތާހްކޮށްފި

ޖެމްސް ވަރކް ސްޕޭސް" އިފްތޮތާހްކޮށްފި

Author
އަޒްފާ ރަޝީދު
30 މެއި 2023 06:13
0

ސަރުކާރުގެ އިދާރާތަކުގެ މެދުގައި ލިޔެކިޔުން ބަދަލުކުރެއްވުމަށް އެކުލަވައިލެއްވި އައު ޑިޖިޓަލް ޕްލެޓްފޯމް، "ޖެމްސް ވަރކް ސްޕޭސް" ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް އިފްތިތާޙްކޮށްދެއްވައިފިއެވެ.

"ޖެމްސް ވަރކް ސްޕޭސް"ގެ ސަބަބުން ޒަމާނާ އެއްގޮތަށް ޚިދުމަތްތައް ދިނުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެއެވެ. އަދި މިއީ ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭނުގެ ދަށުން ކުރެވުނު މުހިއްމު މަސައްކަތެއްކެވެ.

ޖެމްސް ވަރކް ސްޕޭސް އިފްތިތާހްކޮށްދެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މީގެކުރިން ރައްޔިތުންގެ ތެރޭގައި އޮތް އެންމެ ބޮޑު އެއް ޝަކުވާއަކީ، ސަރުކާރުގެ އިދާރާތަކުން ޖަވާބު ނުލިބުމާއި ޚިދުމަތްތައް ލަސްވުމުގެ ޝަކުވާކަމަށެވެ. އަދި އެކަމަށް ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާފައިވާ ކަމަށާއި، "ޖެމްސް ވަރކް ސްޕޭސް" ސަރުކާރުގެ ހުރިހާ މުއައްސަސާއެއްގައި، ބޭނުންކުރެވެން ފެށުމުން، ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ އެމަނިކުފާނު ވިދާޅުވިއެވެ.

"އުއްމީދަކީ މިފަދަ ކޮންމެ ކަމަކުންވެސް ރައްޔިތުންނަށް ފަސޭހަ ލިބިގެން ދިޔުން. ކުރިއަށް ހުރި ކަންތައްތައް ރައްޔިތުންނާ ހަމައަށް އައުމުން މާ ފަސޭހަވެގެންދާނެކަމަށް އުއްމީދު ކުރަން. އެންމެ މުހިއްމު ވަނީ ރައްޔިތުން. އެހެންވީމަ ރައްޔިތުންނަށްޓަކައި ރެއާ ދުވާލު ޚިދުމަތް ކުރުމަކީ މި ސަރުކާރުން އަބަދުވެސް އެންމެ އިސްކަމެއް ދެއްވާނެކަންކަން" ނައިބު ރައީސް ވިދާޅުވިއެވެ.

"ޖެމްސް ވަރކްސްޕޭސް" ފަރުމާކުރައްވައިފައި ވަނީ، ޖެމްސް މެދުވެރިކޮށް ރަސްމީ މުޢާމަލާތުތައް ކުރުމަށްޓަކައި، ލިޔެކިޔުން ތައްޔާރުކުރުމަށް، އެހެން ސޮފްޓްވެއަރއެއް ބޭނުންކުރަން ނުޖެހޭގޮތަށް، ޓެމްޕްލޭޓްތައް ހިމަނައި، ޖެމްސްއިން ސިޓީ ބިޓީ ޑްރާފްޓްކޮށް، އެފަދަ ސިޓީ ބިޓީތައް ޕްރިންޓް ނުކޮށް އިލެކްޓްރޯނިކް ސޮޔާއެކު ފޮނުވޭ ގޮތަށެވެ.

މީގެ އިތުރުން ޖެމްސް ވަރކް ސްޕޭސް ލޯންޗުކުރުމުގެ މަރުޙަލާތައް ނިމިގެންދާއިރު، ވިޔަފާރިތަކާއި ޖަމްޢިއްޔާތަކާއި އަމިއްލަ ފަރާތްތަކަށް ވެސް ޖެމްސްގެ ތެރެއިން ސަރުކާރުގެ އިދާރާތަކަށް ސިޓީބިޓި ފޮނުވައި މުއާމަލާތްކުރެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.