ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ޚިޔާނާތުގައި ބޭންކު އެކައުންޓް ސްޓޭޓްމަންޓްތަކާއި ޓްރާސްސެކްޝަންތައް ހޯދި ގޮތުން ބޭންކިން ނިޒާމަށް އިތުބާރުގެއްލި މުޅި އިގުތިސޯދަށް އޭގެ ގެއްލުން ދައްކާނެ ކަމުގައި ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ފުއްގިރީގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުއްލަވައިފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގގެ ދަޢުވާއެވެ. އެގޮތުން ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްޤީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުންކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވާފައިވާ ކަމަށް ދައުލަތުން ތުހުމަތުކުރައްވައެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ. މި އަޑުއެހުމުގައި ގާޒީ ވަނީ ބޭންކް ސްޓޭޓްމަންޓުތައް ބަލައިނުގަތުމާއި ގުޅޭގޮތުން ހުށަހަޅާފައިވާ ނުކުތާއަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވައި، ބާކީ ހުރި ނުކުތާތައް ހުށަހެޅުމަށް ދަންނަވާފައެވެ. ދިފާއުން ބުނާ ގޮތުގައި ބޭންކް ސްޓޭޓްމަންޓް ހޯދާފައިވަނީ ޤާނޫނާ ޚިލާފަށެވެ. އެއަށްފަހު ދައުލަތަށްވެސް އެ ނުކުތާއަށް ވާހަކަ ދެއްކުމުގެ ފުރުސަތު ގާޒީ ދެއްވިއެވެ.
ޔާމީން އަދި ކްރިކް ރިޒާގެ ފަރާތުން ހުށަހެޅި އެއް ހުށަހެޅުމަކީ ބޭންކް ސްޓޭޓްމަންޓްތައް ކޯޓު އަމުރެއް ނެތި ހޯދީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމެވެ. އެއާ ގުޅޭގޮތުން ވާހަކަ ދައްކަން ޔާމީނަށް ސީދާ ދިން ފުރުސަތުގައި އެމަނިކުފާނު ވިދާޅުވީ ބޭންކުން ހޯދާފައިވާ ސްޓޭޓްމަންޓުގެ ތެރޭގައި 2010 އިން ފެށިގެން ހިމެނޭ މުއާމަލާތްތައް ވެސް ހިމެނޭ ކަމަށެވެ. އެ ތަކެތި ހޯދީ ކޯޓު އަމުރެއް ނެތި ކަމަށް އޭނާ ވިދާޅުވިއެވެ.
ބޭންކިން މައުލޫމާތުގެ ސިއްރު ހިފެހެއްޓުމަކީ ކޮންމެ މީހަކަށް ވެސް ލިބިދޭ ހައްގަކަށްވާއިރު، އެ މައުލޫމާތު ހޯދުން އޮންނަނީ ވަކި ހާލަތްތަކެއްގައި ކޯޓު އަމުރެއް ހޯދައިގެން ކަމަށް ޔާމީން ގަބޫލުކުރައްވަ އެވެ. އެ މުއާމަލާތްތައް އާންމުކޮށް ޔާމީން ފަލީހަތް ކުރަން މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކުރެއްވިއެވެ.
އަޅުގަނޑުމެން ސިޔާސީ މީހުންގެ މައްސަލަތަކުގައި ޣައިރު ޒިންމާދާރުކޮށް މިހެން އަމަލުކޮށްގެން ނުކުންނަ ނަތީޖާއަކީ ކޮބައިތޯ؟ އޭގެ ނަތީޖާއަކީ ބޭންކްތަކަށް ކަސްޓަމަރުންނާއި އިންވެސްޓަރުންގެ އިތުބާރު ގެއްލޭނީ، މުޅި ބޭންކިން ނިޒާމަށް، މުޅި އިގުތިސޯދަށް އޭގެ ގެއްލުން ދައްކާނެ.
– ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވާހަކަތަކާއި ގުޅިގެން ދަޢުލަތުން ވިދާޅުވީ ހެކިތައް ބޭންކު ތެރެއިން ހޯދާފައިވަނީ ބޭންކިން ޤާނޫނުގެ ތެރެއިންކަމަށެވެ. އެގޮތުން ޤާނޫނުގައި ބޭންކުން ހެކި ހޯދާނެ ތިން ހާލަތެއް ވާކަމަށެވެ. އޭގެ ތެރޭގައި ކޯޓު ޢަމުރެއް ހޯދައިގެން ނުވަތަ ޕީޖީގެ ލިޔުމުން އެދިގެން ނޫނީ ތަޙުޤީގު އިދާރާއަކުން ލިޔުމުން އެދިގެން ނޫނީ ބޭންކު އެކައުންޓްތަކުގެ މައުލޫމާތު ނުދެވޭނެކަމަށެވެ.
ދައުލަތުން ހުށަހެޅި ހެކިތަކަށް އިއުތިރާޒުކޮށް ރައީސް ޔާމީނާއި، މިމައްސަލާގައި ދެން ހިމެނޭ ކުއިކް ރިޒާގެ ފަރާތްޕުޅުން ވަނީ ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. އެގޮތުން އެސެޓް ރިކަވަރީ ކޮމިޝަންގެ ހެކިތައް ފިޔަވައި ދައުލަތުން ހުށަހެޅި އެހެން ހެކިތައް ބަލައި ނުގަތުމަށް ވަނީ ހުށަހަޅާފައެވެ.
ރ.ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދަޢުވާ އުފުއްލަވައިފައިވާއިރު، ވ. އާރަށުގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުއްލެވި ދެ ދަޢުވާއެއް ސާބިތުވުމާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އިއްވަވައިފައެވެ. އަދި އެމަނިކުފާނު މިވަގުތު ހުންނެވީ ޙުކުމް ތަންފީޒުކުރެއްވުމަށް ކ.މާފުށީ ޖަލުގައެވެ.
މިހާރު އުފުއްލަވައިފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ، މަދުވެގެން ފަސް އަހަރުގެ ޖަލު ޙޫކުމާއެކު، ޖޫރިމަނާގެ ޙުކުމެއް އަންނާނެއެވެ.
One Response
ކިތަންމެކުޑަފައިސާކޮޅެއް ލިބުނަސް ބޭކަށް އެޅުމުގެ ބަދަލުގަ ބޮޑުފޮށީގަ އަންބޮޑީގަ ރައްކާކުރަން ފެނޭ. ނިކަމެތި މީހާއަށް 2000 ރުފިޔާނަގާފަ ، މިނަގާމިޖަމާކުރާ1000 ރުފިޔާއަކީވެސް ކޮންތާކުން ކިހިނެއްހޯދިފައިސާއެއްތޯބަލާ ސްޓޭޓްމަންޓް ތައް އާއްމުުރަން ވެއްޖެ ނަމަ ހައްތާވެސް ތިބޭނީ ވައްކަން ކުރާކަމަށް ތުހުމަތު ކުރެވޭކުށްވެރިން . ފައިސާވެސް ދެއްވަނީ ކުރާމަސައްކަތަކުން ކަމަށް ވާއިރު މީހުންނަށް ދެއްވާރިޒްގަށް ކަލިއަޅާހޯދާބަލަން ވެއްޖެ ނަމަ އެކަކުވެސް ސަލާމަތެއް ނުވާނެ .