ސުވަރުގޭގެ މަގުން ދަތުރުކުރަން ބޭނުންނަމަ ޤުރުއާން ކިޔެވުމަށް ޚުތުބާގައި ގޮވާލައިފި

ސުވަރުގޭގެ މަގުން ދަތުރުކުރަން ބޭނުންނަމަ ޤުރުއާން ކިޔެވުމަށް ޚުތުބާގައި ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
26 މެއި 2023 02:09
0

ސުވަރުގޭގެ މަގުން ދަތުރުކުރަން ބޭނުންނަމަ ޤުރުއާން ކިޔެވުމަށް މިއަދުގެ ޚުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކޮށްފައިވަނީ މާތް ރަސްކަލާންގެ ރަހުމަތްފުޅުގެ ތަނަވަސް ކަމަށެވެ. ޚުތުބާގައި ބުނެފައިވަނީ މާތް ރަސްކަލާންގެ ރަހްމަތެއްގެ ގޮތުގައި ކީރިތި ޤުރުއާން މިއުމަތަށް ބާވާލެއްވިކަމަށެވެ. ޚުތުބާގައި ބުނީ ހަޔާތް މާތް ރަސްކަލާންގެ މަގަށް މިސްރާބުކޮށްދޭ ސަމުގާއަކީ އެ ފޮތް ކަމަށެވެ. އެއީ މުނިފޫހިފިލުވައިދޭ މިތުރެއް ކަމަށާއި، އަދި އެއީ ކަންބޮޑުވުން ދުރަށްލައިދޭ އެކުވެރިއެއް ކަމަށެވެ.

އެއީ އަހަރުމެންގެ ބަލިތަކުގެ ޝިފާއެއް. ފުރާނައިގެ ކާނާ ކަމަށްވާއިރު، ތިމާ މާތް ރަސްކަލާންގެ އަށް މުނާޖާ ދަންނަވަން އެދޭނަމަ ޤުރުއާން ކިޔަވުމަށް އާދަކުރައްވާ.

– ޚުތުބާގައި ގޮވާލާފައިވެއެވެ.

މީގެ އިތުރުން ތިބާގެ ވެރިރަސްކަލާނގެ ދެނެގަތުމަށް ބޭނުންވާނަމަ އަދި އީމާންކަން ހަރުދަނާ ކުރަން ބޭނުންވާނަމަ ޤުރުއާން ކިޔަވަންޖެހޭ ކަމަށާއި، ސުވަރުގޭގެ މަގުން ދަތުރުކުރަން ބޭނުންވާނަމަ ޤުރުއާން ކިޔަވަންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ކަންބޮޑުވުންތަކާއި ހާސްކަން އެއްފަރާތް ކުރަން ބޭނުންވާނަމަ އަދި ނަފްސަށާއި ރޫހަށް ފަރުވާ ކުރަން ބޭނުންވާ ނަމަ ޤުރުއާން ކިޔަވުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. (އެއީ) ކޮންމެކަމެއް ބަޔާންކޮށްދެއްވާ ގޮތުގައެވެ. އަދި މުސްލިމުންނަށް އޮތް ހިދާޔަތެއް ކަމުގައްޔާއި ރަހްމަތެއް ކަމުގައްޔާއި އުފާވެރި ޚަބަރެއް ކަމުގައެވެ.

– ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ވަނީ އެކަކު އަނެކަކަށް އޯގާތެރިވުމަށް ގޮވާލާފައެވެ. މާތް ރަސްކަލާންގެ ރަހުމަތް ލިބޭނީ އެކަކު އަނެކަކަށް ރަހުމްކޮށްގެން ކަމަށާއި، އަބާއްޖަވެރިއަކީ ރަހުމްނުކުރާ މީހުން ކަމަށް ބުނެފައިވެއެވެ. އަދި ތިބާގެ ގެއަކީ ބާއްޖަވެރި އުފާވެރި ގެއަކަށް ހެދުމަށް ތިބާގެ އަހްލުބައިތުންނަށް ރަހްމުކުރުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

ޚުތުބާގައި ބުނީ މާތް ރަސްކަލާންގެއީ އެކަލާނގެ ހެއްދެވި އެންމެހައި އަޅުންނަށް މުސްލިމުންނާއި ކާފިރުންނަށް ވެސް ދުނިޔެމަތީގައި ރަހްމާންވަންތަ ރަސްކަލާނގެކަމަށެވެ. އެކަލާނގެއަށް އުރެދޭ މީހުންނަށް ވެސް އެކަލާނގެ މުހުލަތެއް ދެއްވާ ކަމަށާއި، އެއީ އެމީހުން ހޭވެރިވެ ތައުބާވެ މާތް ރަސްކަލާންގެ ހަޒުރަތަށް އެނބުރި އާދޭތޯ ކަމަށެވެ.

ޚުތުބާގައި ބުނީ އެމީހުންނަށް ދުނިޔޭގައި އަރާމާއި ލައްޒަތު ދެއްވާ ކަމަށާއި، ދަރީންނާއި ތަނަވަސްކަމާއި ދުޅަހެޔޮކަން ދެއްވާ ކަމަށެވެ. ބިރުތަކުން ސަލާމަތް ކުރައްވާ އަމާންކަން ދެއްވާ ކަމަށާއި، އެމީހުން މާތް rރަސްކަލާންގެއަށް ކާފިރުވެ ޝަރީކު ކުރާ އިރުގައި ވެސް އެމީހުންނަށް ވަގުތުން އަޒާބު ނުދެއްވާ އެމީހުންނަށް މުހުލަތު ދެއްވާ ކަމަށެވެ. އެއީ މާތް ރަސްކަލާންގެ ރަހްމަތްވަންތަ ކަމުގެ ބޮޑުކަމުންކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.