ޓްރާންސްޕޯޓް މިނިސްޓްރީގެ އޮންލައިން ހިދުމަތްތައް ދެ ދުވަހަށް މެދުކެނޑޭނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، އެ މިނިސްޓްރީ ހިގަމުންދާ ހުޅުމާލެ ފޭސް އެކެއްގައި ހުންނަ، ޢުމަރު ޒާހިރު އޮފީސް ޢިމާރާތަށް ކަރަންޓު ދިނުމަށް ޢިމާރާތުގެ ބޭރުގައި ބަހައްޓާފައިހުރި ވަގުތީ އޮއިލް ޓްރާންސްފޯމަރ، ޑްރައި ޓްރާންސްފޯމަރ އަކަށް ބަދަލުކުރުމުގެ މަސައްކަތް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ސްޓެލްކޯއާއި އަދި މި މަޝްރޫޢުގެ ކޮންޓްރެކްޓަރާއި ގުޅިގެން 26 އިން 27 މެއި 2023 (ހުކުރު އަދި ހޮނިހިރު) ދުވަހުގެ ނިޔަލަށް ކުރަމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި އެ މަސައްކަތް ހިނގަމުންދާ ވަގުތުތަކުގައި މިނިސްޓްރީން ގިނަވަގުތު ކަރަންޓު ކެނޑިފައި ހުންނާނެކަމަށްވެސް އަންގަވާފައިވާ ކަމަށް ބުނެފައިވެއެވެ.
އެހެންކަމުން 26 އިން 27 މެއި 2023 އަށް ކަރަންޓު ކެނޑިފައި ހުންނަވަގުތު ތަކުގައި އެ މިނިސްޓްރީގެ ޚިދުމަތްތައް މެދުކެނޑޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މިކަމާގުޅިގެން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ މިނިސްޓްރީން ވަނީ މަޢާފަށް އެދިފައެވެ.