މަރުހޫމާ ޢާބިދާއަކީ އޯގާތެރިކަމާއި އަޅާލުމުގެ ނަމޫނާ މިސާލެއް: މައުމޫން

މަރުހޫމާ ޢާބިދާއަކީ އޯގާތެރިކަމާއި އަޅާލުމުގެ ނަމޫނާ މިސާލެއް: މައުމޫން

Author
މުޙައްމަދު ޝަޒައިމް
21 މެއި 2023 09:54
0

ދައުލަތަށް ދިގުމުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މ.އެންދެރިމާގޭ ޢާބިދާ އަޙްމަދަކީ މީހުންނަށް އަޅާލާ އޯގާތެރި، ހިތެއްގެ ވެރިއެއް ކަމުގައި ކުރީގެ ރައީސް އަލް އުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އާބިދާ އަހްމަދުގެ ހަނދާނުގައި ފޮރިން މިނިސްޓްރީގައި ހުޅުވި ތަޢުޒިޔާގެ ތަފްތަރުގައި ސޮއި ކުރެއްވުމަށްފަހު ކުރެއްވި ޓުވީޓުގައެވެ. އާބިދާ ފޮރިން މިނިސްޓްރީގައި ގިނަ ޚިދުމަތްތަކެއް ކުރެއްވީ ރައީސް މައުމޫންގެ ވެރިކަމުގައެވެ. ތައުޒިޔާގެ ސަފްތަރުގައި ސޮއި ކުރެއްވުމަށްފަހު ރައީސް މައުމޫން ވަނީ އާބިދާގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކޮށްދެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ.

އަދި އާބިދާއަކީ މީހުންނަށް އަޅާލުމާއި، ލޯތްބާއި، އޯގާތެރި ހިތެއްލެ ލާމަސީލު މިސާލެއްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އާބިދާ އަޙްމަދުވަނީ 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ސަރުކާރަށް ޚިދުމަތް ކުރައްވާފައެވެ. 1978 ވަނަ އަހަރު އެންމެ ފުރަތަމަ ވަޒީފައަށް ނުކުންނެވީ މުލީއާގޭގެ މެއިޑެއްގެ ވަޒީފާއިންނެވެ.

4 އަހަރަށްފަހު މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ޓެލެފޯން އޮޕަރޭޓަރެއްގެ ވަޒީފާއަށް ބަދަލުވިއެވެ. އެއަށްފަހު 1985 ވަނަ އަހަރު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއަށް ވެންނެވުމަށްފަހު މިވީ މުއްދަތުގެ ތެރޭގައި ޢާބިދާ ވަޒީފާ އަދާކުރައްވަމުން ގެންދެވީ އެމިނިސްޓްރީގައެވެ. އެގޮތުން ޢާބިދާ ފޮރިން މިނިސްޓްރީގައި ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، 2 ނަންބަރު ކާތިބާ ކަމުގެ އިތުރުން، ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓަރީ ކަމާއި، ސެކްރެޓަރީ ކަމާއި، އެސިސްޓެންޓް ޑެސްކް އޮފިސަރ ކަމާއި، ޑެސްކް އޮފިސަރ ކަމާއި، ސީނިއަރ ޑެސްކް އޮފިސަރުކަން ހިމެނެއެވެ.

އާބިދާވަނީ ފޮރިން މިނިސްޓްރީގެ އިދާރީ ހިންގުމާބެހޭ ސެކްޝަނާއި އިތުރު ޑިޕާޓްމަންޓްތަކުގައިވެސް މަސައްކަތްކުރައްވާފައެވެ. އެގޮތުން ރާއްޖެއާއި ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވާ ޤައުމުތަކުން ދިވެހިރާއްޖެއަށް ޒިޔާރަތް ކުރައްވާ އެޤައުމުތަކުގެ ދައުލަތްތަކުގެ އިސްވެރިންގެ ޕްރޮޓޮކޯލް އަދި މެހްމާންދާރީ އަދާކުރެއްވުމުގައި ޢާބިދާވަނީ މުހިއްމު ދައުރެއް އަދާކުރައްވާފައެވެ.

ދައުލަތަށް ދިގު މުއްދަތެއްގައި އިޚްލާޞްތެރި މަސައްކަތްޕުޅުތަކެއް ކުރައްވައިފައިވާ ޢާބިދާއަކީ ޚާރިޖިއްޔާއާއި އަލަށް ގުޅޭ މުވައްޒަފުން މަސައްކަތުގެ މާޙައުލަށް އަހުލުވެރިކުރުވާ ޚާރިޖީ ޚިދުމަތުގެ ތާރީޚު މިހާރުގެ މުވައްޒަފުންނަށް ފޯރުކޮށްދެއްވުމުގައި އިސްދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ޢާބިދާގެ ޚިދުމަތްތަކުގެ އަގުވަޒަންކޮށް ސަރުކާރުންވަނީ 2021 ވަނަ އަހަރު ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރުމުގެ އިނާމް ޢާބިދާއަށް ދެއްވާފައެވެ. އާބިދާ ނިޔާވިއިރު ޢުމުރުފުޅަކީ 66 އަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.