އާސެނަލް ބަލިވުމުން ސިޓީއަށް ލީގު ކަށަވަރުވެއްޖެ

އާސެނަލް ބަލިވުމުން ސިޓީއަށް ލީގު ކަށަވަރުވެއްޖެ

ގުޅުންހުރި

އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓް އިން 1-0 އިން އާސެނަލް ބަލިކުރުމާ އެކު، މެންޗެސްޓާ ސިޓީ އަށް ވަނީ ލީގު ޗެމްޕިއަންކަން ކަށަަވަރުވެއްޖެއެވެ.

ރަށުން ބޭރުގައި އާސެނަލް ކުޅުނު މެޗުގެ 19 ވަނަ މިނިޓުގައި ނޮޓިންހަމް ފޮރެސްޓުން ޖެހި ހަމައެކަނި ގޯލު ކާމިޔާބު ކޮށްދިނީ ޓައިވޯ އަވޮނިޔީއެވެ. މި ސީޒަނުގެ ފަހު މެޗުތަކާ ކުރިމަތިލީއިރު ވެސް އެއް ވަނައިގައި އޮތީ އާސެނަލްއެވެ. އޭޕްރިލް މަސް އާސެނަލުން ފެށީ ސިޓީ އަށް ވުރެ އަށް ޕޮއިންޓް ކުރީގައި އޮވެގެންނެވެ. އެކަމަކު ފަހުން ކުޅުނު މެޗުތަކުގައި އާސެނަލްގެ ފޯމު ދަށްވިއިރު ސިޓީ އިން ލީގުގައި ޖެހިޖެހިގެން 11 މޮޅު ހޯދިއެވެ.

މީގެ 31 އަހަރު ކުރިން، 1992 ވަނަ އަހަރު ޕްރިމިއާ ލީގު ރީބްރޭންޑް ކުރި ފަހުން މި ސީޒަނާއި ހަމައަށް ޖެހިޖެހިގެން ތިން ފަހަރު ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ ހަމައެކަނި މެންޗެސްޓާ ޔުނައިޓެޑުންނެވެ. އެކަމަކު މި ސީޒަން ހިމަނައިގެން އެންމެ ފަހުގެ ތިން ލީގު ތައްޓާ އެކު ސިޓީ ވަނީ އެ ރެކޯޑާ ހަމަކޮށްފައެވެ.

ސިޓީ އިން މިހާރު ވަނީ އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދައިފަ އެވެ. އޭގެ ތެރެއިން ހަތް ފަހަރު ޗެމްޕިއަންކަން ހޯދީ މިދިޔަ 11 އަހަރު ތެރޭގައެވެ.

ސިޓީން މި ހަފްތާގައި ކުޅެން އޮތް މެޗުން ޗެލްސީ އަތުން މޮޅުވެގެން ލީގު ހޯދަން ފުރުސަތު އޮއްވައި، އެ މެޗަށް ނުކުތުމުގެ ކުރިން އާސެނަލް ކުޅުނު މެޗުން ބަލިވުމުން ލީގު ޔަގީންވީއެވެ. މިއީ ސިޓީން ލީގު ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި ތިން ވަނަ ފަހަރެވެ. އަދި އެންމެ ފަހުން ކުޅުނު ލީގުގެ ހަ ސީޒަނުގެ ތެރެއިން ސިޓީން ލީގު ހޯދާ ފަސް ވަނަ ފަހަރެވެ.

ލީގުގައި އާސެނަލް އަށް ބާކީ އޮތީ އެންމެ މެޗެކެވެ. އެޓީމަށް 81 ޕޮއިންޓް ލިބިފައިވާއިރު ފަހު މެޗުން މޮޅުވެގެން އެންމެ ގިނަވެގެން ވެސް އެޓީމަށް ލިބޭނީ 84 ޕޮއިންޓެވެ. ތިން މެޗު ބާކީ އޮތް ސިޓީ ވަނީ މިހާރު ވެސް 85 ޕޮއިންޓް ހޯދައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ