މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއަކީ އެމްޑީޕީގެ މެމްބަރެއް ނޫން ކަަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފި އެވެ.
އީސީން ބަލަހައްޓާ އެމްޑީޕީގެ ދަފްތަރުން އާޒިމްގެ ނަން ވަކިކުރީ އިއްޔެކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދީފައިވެއެވެ.
އެމްޑީޕީގެ ދަފްތަރުން އާޒިމްގެ ނަން އުނިކުރީ، އޭނާ ވަކިކުރި ކަން އީސީއަށް އެ ޕާޓީން އެންގުމުންނެވެ. އާޒިމް ވަކިކުރީ، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއިކުރެއްވުމާއި ޗާގޮސް މައްސަލާގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތް މައްސަލައިގަ އެވެ.
އާޒިމް ވަކިވެފައިވާ ކަން އީސީން ރައްޔިތުންގެ މަޖިލީހަށް އެންގުމުން ތަޅުމުގައި އެކަން އިއުލާންކުރުމާއި ހަމައިން އޭނާ ވާނީ އަމިއްލަ މެމްބަރަކަށެވެ.
އޭނާއަށް ފިޔަވަޅު އަޅައިދޭން ޕާޓީގައި އެދުނީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުންނެވެ.
އާޒިމް ވަކިކުރީ އެމްޑީޕީގެ އަސާސީ ގަވައިދުގެ 19 ވަނަ މާއްދާގެ ހ.ގެ ދަށުންނެވެ. ޕާޓީން ވަކިކުރެވޭނެ ހާލަތުތައް ބަޔާންކޮށްފައިވާ އިރު އާޒިމަށް ފިޔަވަޅު އެޅީ އެހެން ޕާޓީއެއްގެ ސިޔާސީ ހަރަކާތުގައި ބައިވެރިވެވަޑައިގެންފައިވާތީ އެއީ މަސްލަހަތު ގެއްލޭ، ކަމެއް ކަމަށް ނިންމަ އެވެ.
އާޒިމަށް ފިޔަވަޅު އެޅި ކޮމިޓީގެ ނިންމުމުގައި ބުނެފައި ވަނީ ޕާލަމެންޓްރީ ގްރޫޕުން އާޒިމާ މެދު ފާހަގަކޮށްފައިވާ މައްސަލަތަކުގައި ފިޔަވަޅު ނާޅައި ދޫކޮށްލައިފި ނަމަ، ކުރިމަގުގައި އެހެން މެންބަރުންތަކެއްގެ ފުށުން ވެސް މި ބާވަތުގެ އަމަލުތަކެއް ތަކުރާރުވުމަކީ ގާތް ކަމެކެވެ. މީގެއިތުރުން މި މައްސަލައިގައި ފިޔަވަޅުނާޅާއި ދޫކޮށްލުމަކީ، އެފަދަ އަމަލުތައް ތަކުރާރުކުރުމަށް މެންބަރުންނަށް ދެވޭ ހިތްވަރެއްކަމުގައި ވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން އޭނާ ވަކިކުރަން ނިންމީ ރަނގަޅަށް ކަމަކަށް އާޒިމް ގަބޫލެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވީ އަސާސީ ގަވައިދުގައި ވަކި ގޮތަކަށް ކުރަން އޮންނަ ކަމެއް އެއާޚިލާފަށް، ކޮމިޓީ ބާއްވައި ވަތްކެއް ނުކުރެވޭނެ ކަމަށެވެ.
އެކަމަކު އެމްޑީޕީން ވަނީ ކޮމިޓީ ބޭއްވި ގޮތް ދިފާއުކޮށް، ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ނުހިނގާ ކަމަށް ބުނެފަ އެވެ.
އާޒިމްގެ އިތުރުން، އެމްޑީޕީގެ ވިޕްލައިނާ ޚިލާފުވި މެމްބަރުންތަކަކަށް ވެސް ޕާޓީން ވަކިކުރާނެ ކަމުގެ ފަހު އިންޒާރު ފިޔަވަޅު އަޅާ ކޮމިޓީން ވަނީ ދީފަ އެވެ. ކަން މިހެން އޮތް އިރު، އެމްޑީޕީގެ ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށް ނިސްބަތްވާ 12 މެންބަރަކު ވެސް ވަނީ އެމްޑީޕީއިން އަމިއްލަފުޅަށް ވަކިވެޑައިގެން އެކަން އިޢުލާންކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ