މާލެސިޓީގައި ލާމަރުކަޒީ ނިޒާމު ތަންފީޒު ނުވޭ: މުޢިއްޒު

މާލެސިޓީގައި ލާމަރުކަޒީ ނިޒާމު ތަންފީޒު ނުވޭ: މުޢިއްޒު

Author
މުޙައްމަދު ޝަޒައިމް
09 މެއި 2023 01:49
0

މާލެ ސިޓީގައި ލާމަރުކަޒީ ފުރިހަމައަށް ތަންފީޒު ނުވާ ކަމުގައި މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރ މުޢިއްޒު މިފަދައިން ވިދާޅުވީ ސަންގު ޓީވީގެ ޕްރޮގްރާމުގައި މާލެސިޓީގެ އިޙްތިޞާސްގެ ދަށުގައިވާ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެސިޓީ ކައުންސިލާއި ހަވާލު ކޮށްފައިނުވާތީ ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މޭޔަރ މުޢިއްޒު ވިދާޅުވީ މާލެ ސިޓީގެ އަވަށެއް ކަމުގައިވާ ހުޅުމާލޭގެ ވަރަށް މަދު ކަމެއް ނޫނީ މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިނުވާ ކަމަށެވެ. އެގޮތުން މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވަނީ ވައިޓަލް ސާރވިސް ފޯރުކޮށްދިނުމާއި ސަހަރާ އަދި މިސްކިތްތައް ބެލެހެއްޓުން ފަދަ މަދު ކަންކަން ކަމަށެވެ.

މިސާލަކަށް ހުޅުމާލޭގައި އަމިއްލަ ފަރާތަކުން މިސްކިތެއް ހަދާފާނެ. އަޅުގަނޑުމެންނަށް ސަރުކާރުން އަންނާނީ ސިޓީއެއް މިހާރުން ފެށިގެން މިސްކިތާއި ހަވާލުވާށޭ. ނާންނާނެ މިކަމާއި ގުޅިގެން ބަޖެޓް އިމްޕްރޫވްމަންޓެއް. އެއާއި ގުޅިގެން މީހުން ނަގާކަށް ވެސް. އެހެން ހަމަ ހުރިހާ ކަމެއް ވެސް މިދަނީ.

– މޭޔަރ މުޢިއްޒު ވިދާޅުވިއެވެ.

މޭޔަރ މުޢިއްޒު އިތުރަށް ވިދާޅުވީ ސަރުކާރުގެ އެއްބާރުލުން މާލެ ސިޓީ ކައުންސިލަށް ލިބެނީ ވަރަށް ކުދިކުދި ކަންކަމުގައި ކަމަށާއި އެއީ ސަރުކާރުގެ ތެރޭގައި ހައްލުވާން ޖެހޭނެ ކަންކަން ކަމަށެވެ.

މާލެސިޓީގެ އިޙްތިޞާސްގެ ތެރޭގައި މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭއިރު ދެ ކަމެއް ފިޔަވާ ހުޅުމާލޭގެ މުނިސިޕަލް ކަންކަން ބަލަހައްޓަމުންދަނީ ސަރުކާރުގެ ކުންފުނި އާބަންކޯ އިންނެވެ. މިކަމާއި ގުޅިގެން މީގެ ކުރިންވެސް މާލެސިޓީގެ މޭޔަރ ޑރ. މުޢިއްޒު އާއި ހުރިހާ ކައުންސިލަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެހެންނަމަވެސް އަދިވެސް މިކަމަށް ހައްލެއް ލިބިފައިނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.