ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް ޔާމީނާއި އިތުރު ބަޔަކަށް ދައުވާކުރާ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން ދެންމެ އަމުރުކޮށްފިއެވެ.
ރ. ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅިގެން ކުރީގެ ރައީސް ޔާމީނުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. ފުއްގިރި މައްސަލާގައި ޔާމީނާއި އިތުރު ބައެއްގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ. އެ މައްސަލާގެ ހެކިބަސް ނެގުން މާދަމާ ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން އޮތީ ހަމަޖައްސައިފައެވެ.
އެ މައްސަލަ އަންނަ ހޯމަ ދުވަހާ ހަމައަށް މަޑުޖައްސާލަން ސުޕްރީމް ކޯޓުން މިއަދު އެންގީ އެ މައްސަލާގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމި ބައެއް ނިންމުންތައް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރައްވާފައިވާތީ އެ މައްސަލަ ނިމެންދެންނެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދެވެ. މިއަދުގެ އަޑުއެހުމުގައި އެންމެ ފުރަތަމަ ވަނީ ޔާމީނުގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށައަޅުއްވާފައެވެ. އެއީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާ ގުޅޭގޮތުން ދަށު ކޯޓުން ނިންމި ނިންމުންތައް ޔާމީނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުންވެސް ދަށު ކޯޓުގެ ނިންމުމަށް ތާއީދު ކޮށްފައިވާތީ އިސްތިއުނާފު ކުރި ނުކުތާތަކެވެ.
ޔާމީނުގެ ފަރާތުން ހައިކޯޓަށް 3 ނުކުތާއެއް ހުށައެޅިއިރު، އޭގެ ތެރެއިން އެއް ނުކުތާއަކީ ދައުލަތުން ހުށައަޅާފައިވާ ބައެއް ހެކިތައް ޝަރީއަތަށް ބަލައިނުގަތުމަށް ޔާމީނުގެ ފަރާތުން އެދިފައިވާއިރު، އެ ހެކިތައް ބަލައިނުގަންނަން ޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނަކަމަށް ދަށު ކޯޓުން ނިންމުމާއި ގުޅިގެން އިސްތިއުނާފު ކުރި ނުކުތާއެކެވެ. އޭގެ ތެރޭގައި އަދީބާއި ޒިޔަތުވެސް ހިމެނޭއިރު، ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލައިގައިވެސް ތުހުމަތު ކުރެވުނު ފަރާތްތަކަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފައިވާކަން ޔާމީނުގެ ވަކީލު ފާހަގަ ކުރެއްވިއެވެ.
މި އަޑުއެހުމުގައި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ރިޔާސީ ލޯންޗުކޮޅު ރޯކޮށްލި މައްސަލައާ ގުޅޭގޮތުން ދައުލަތާ ސުވާލު ކުރައްވާފައެވެ. އެކަމާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ، އެ މައްސަލައިގައި ކޮށްފައިވާ ދައުވާތައް މިހާރު އަނބުރާ ގެނެސްފައިވާ ކަމަށެވެ. ޔާމީނުގެ ފަރާތުން ވިދާޅުވީ، މައްސަލައާ ގުޅުންހުރި ހެއްކާއި، ގުޅުން ނެތް ހެއްކަކީ ކޮބައިކަންވެސް ކޯޓުން ރިއާޔަތްކޮށްފައިނުވާ ކަމަށެވެ.
ދެވަނަ އިސްތިއުނާފީ ނުކުތާއަކީ ހެއްކާބެހޭ ޤާނޫނުގައި ހެކި ބަލައިގަތުމާއި ގުޅޭގޮތުން އިސްތިއުނާފު ކުރާ ފަރާތަށް މަސްލަޙަތު ބޮޑު ފުރުސަތުތަކެއް އޮތްއިރު، އަލަށް އަމަލު ކުރަން ފެށި ޤާނޫނުގައިވާ ގޮތުގެ މަތިން ހެކި ބަލައިގަތުމާއި ގުޅޭ ހުށައެޅުންތައް ހުށައެޅުމަށް ފުރުސަތު ލިބިދީފައި ނުވާކަމަށް ބުނެ ހުށައެޅި ނުކުތާއެކެވެ.
ތިންވަނަ ނުކުތާއަކީ ހެކި ހާމަކޮށްދިނުމަށް އެދި ހުށައެޅުމާ ގުޅޭގޮތުން ގޮތް ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާ ނުބައިކޮށް މާނަކޮށްފައިވާކަމަށް ބުނެ ހުށައެޅި ނުކުތާއެކެވެ. ޔާމީނުގެ ފަރާތުން ވަނީ އަދީބާއި ޒިޔަތަކީ ޔާމީނާމެދު އަދާވަތްތެރިކަން އޮތް ފަރާތްތަކެއްކަން ބަޔާންކޮށް، އެމީހުންގެ ހެކިބަސް ބަލައިނުގަތުމަށް އެދިފައެވެ. ދެން ހުރި ހެކިތަކާމެދު އަލުން ގޮތެއް ނިންމަން ޖެހޭކަމަށް ކަނޑައަޅައިދިނުމަށްވެސް ޔާމީނުގެ ފަރާތުން ވަނީ އެދިފައެވެ.
ފަނޑިޔާރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު ސުޕްރީމް ކޯޓުގެ ބެންޗުން އިއުލާން ކުރެއްވީ އަންނަ ހަފުތާގެ ހޯމަ ދުވަހާ ހަމައަށް ޝަރީއަތް މަޑުޖައްސާލަން އަމުރުކުރަން ނިންމަވާ ކަމަށެވެ. އަދި ކްރިމިނަލް ކޯޓަށް ލިޔުމުން އެކަން އަންގަވާނެ ކަމަށް ބެންޗުން ވިދާޅުވި އެވެ.
One Response
އެންމެ ރަގަޅު ގޮތަކީ ތިމާއަކީ ޑޮލަރު ގަނެ ވިއްކުމުގެ ވިޔަފާރި ކުރަން ހުއްދަ އޮންނަ ފަރަަތަކަށް ނުވާތީވެ، މަނީ ލޯންޑަރ ކުރުމުން ސަލާމަތްވުމަށް، ތިމާއަށް ލިބުނު މިލިޔަން ޑޮލަރު އަބުރާ ދައުލަތާ ހަވާލުކުރުމެވެ. އަމިއްލަ ނަފްސްވެސް އެއީ ރައްޔިތުންގެ ރަށްތަކާއި ފަޅުތައް ވިއްކައިގެން ހޯދި ފައިސާކަމަށް ގަބޫލުކުރާނެއެވެ.