ކުރިޔަށްދާ ޔޫކުރެއިން ހަނގުރާމާގައި، ޔޫކުރެއިންގެ ބަޚުމޫޓު ހިފުމަށް ފާއިތުވި 6 މަސްދުވަހު ހަނގުރާމަ ކުރަމުންދިޔަ ރަޝިއާގެ ކުލީ ސިފައިންގެ ފައުޖު، ވަގްނާރ ގުރޫޕުން އެ ސިޓީގަައި ކުރަމުންދާ ހަނގުރާމައަށް ފުދޭވަރަށް ހަތިޔާރު ފޯރުކޮށް ދެމުން ނުދާކަމަށް ބުނެ، ބަޚުމޫޓު ދޫކޮށް ފަހަތަށް ޖެހެންފަށާނެ ކަމުގެ އިންޒާރު އެ ގުރޫޕްގެ ލީޑަރު ޔެވްގެނީ ޕްރިގޯޒިން ރަޝިއާގެ އަސްކަރިއްޔާއަށް ދީފިއެވެ.
ރަޝިއާގެ އަސްކަރިއްޔާގެ އިސް ޖެނެރަލުންނަށް އިންޒާރު ދެމުން، ސޯޝަލް މީޑިއާގައި ޔެވްގެނީ ޕްރިގޯޒިން ކުއްލި ގޮތަކަށް އާންމުކުރި ވީޑިއޯއެއްގައި ވިދާޅުވެފައިވަނީ، ބަޚުމޫޓުގައި އޭނާގެ ފައުޖުތަކުން ކުރަމުންދަ ހަނގުރާމައަށް ފުދޭވަރަށް ހަތިޔާރު ރަޝިއާގެ އަސްކަރިއްޔާއިން ފޯރުކޮށް ނުދީފިނަ، މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އޭނާގެ ފައުޖުތައް ބަޚުމޫޓު ދޫކޮށް ފަހަތަށް ޖެެހެން ފަށާނެ ކަމުގައެވެ.
"ވަގްނާރ ހަނގުރާމަވެރިންގެ ފަރާތުން، ވަގްނާރ ކޮމާންޑްގެ ފަރާތުން އަހަރެން އިއުލާން ކުރަން، މޭމަހުގެ 10 ވަނަ ދުވަހު، މިތަނުގައި އަހަރެމެން ތިބި ތަންތަން ޑިފެންސް މިނިސްޓްރީއާއި ހަވާލުކޮށްފަ، ވަގްނާރގެ ލޮގިސްޓިކްސް ކޭމްޕްތަކަށް، ލިބިފައި ހުރި އަނިޔާތަނަށް ފަރުވާ ހޯދުމަށް އަހަރެމެން ފަހަތަށް ޖެހޭނަން"، ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ޔެވްގެނީ ޕްރިގޯޒިން ވިދާޅުވެފައި ވެއެވެ.
"އަހަރެން ބަޚުމޫޓު ދޫކޮށް ފަހަތަށް މިޖެހެނީ ހަތިޔާރު ނެތިގެން، އެއްވެސް ސަބަބަކާއި ނުލާ އަހަރެންގެ ހަގުރާމަވެރިން މަރުވާން ދޫކޮށް ނުލާންވެގެން".
ރަޝިޔާއިން ޔޫކުރެއިންގެ ބަޚުމޫޓު ހިފުމަށް ކުރަމުންދާ ހަނގުރާމާއި އެންމެ ކުރީ ސަފުގައި ތިބީ، ޕުޓިންއަށް ތާއީދުކުރާ، ރަޝިއަގެ ކުލީ ސިފައިންގެ ފައުޖެއް ކަމުގައިވާ ވަގްނާރ ގުރޫޕުގެ ހަނގުރާމަވެރިންނެވެ. އެހެންނަމަވެސް އެ ސިޓީ ހިފުމަށް ފާއިތުވި 6 މަސްދުވަހު ކުރަމުންދިޔަ ހަގުރާމާއި، އެކަށީގެންވާވަރަށް ހަތިޔާރު ފޯރުކޮށް ދެމުން ނުދާކަމުގެ ތުހުމަތު ޔެވްގެނީ ޕްރިގޯޒިން ގެންގޮސްފައިވަނީ ރަޝިއާގެ ޑިފެންސް މިނިސްޓަރަށް ކުރަމުންނެވެ.
ވަގްނާރ ގުރޫޕުން ރަޝިއާގެ އަސްކަރީ އޮޕަރޭޝަންތަކުގައި ބައިވެރިވާން ފަށާފައިވަނީ 2014 ވަނަ އަހަރުން ފެށިގެންނެވެ. އެ ގުރޫޕް 2013 ވަނަ އަހަރު އުފައްދާފައިވަނީ ރަޝިއާގެ މިލިޓްރީ އިންޓެލިޖެންސްގައި މަސައްކަތް ކޮށްފައިވާ ޑިމިޓްރީ އުޓްކިން އެވެ. އަދި ގުރޫޕްގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނަމުންދަނީ ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިންގެ އަރިސް މަހުޖަނެއް ކަމުގައިވާ ޔެވްގެނީ ޕްރިގޯޒިން އެވެ.
ފާއިތުވެދިޔަ މުއްދަތުގައި މި ގުރޫޕުންވަނީ ރަޝިއާގެ ފަރާތުން ސީރިއާ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ލީބިޔާ، މާލީ، ސޫދާން އަދި މޮޒަމްބީކްގައިވެސް ހަނގުރާމަ ކޮށްފައެވެ. އެމެރިކާގެ ޕެންޓަގަންއިން ހާމަކޮށްފައިވާ ގޮތުގައި މި ގުރޫޕުގެ ބައެއް ހަނގުރާމަވެރިން ރެކްރޫޓު ކޮށްފައިވަނީ ސީރިއާ އަދި ލީބިޔާއިންނެވެ.
މި ގުރޫޕުގެ 50،000 ސިފައިން ދަނީ ޔޫކުރެއިންގައި ހަނގުރާމަ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ