ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ޚިޔާނާތުގައި މައްސަލައިގައި ކުރީގެ ރައީސް ޔާމީނަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް އަވަސްއަރުވާލައިގެން ކުރިއަށް ގެންދާގޮތަށް، އެ މަނިކުފާނުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި ވެސް އަވަސް ވާން ޖެހޭނެކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ފުއްގިރީގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުއްލަވައިފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގގެ ދަޢުވާއެވެ. އެގޮތުން ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްޤީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުންކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވާފައިވާ ކަމަށް ދައުލަތުން ތުހުމަތުކުރައްވައެވެ.
އެ މައްސަލާގެ އިފްތިތާހީ ބަޔާން ހުށަހަޅަން މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީން ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި، ވަކީލުންނާ ބައްދަލުކުރައްވަން ކޯޓުން ފުރުސަތު ދިނަސް، ހަފުތާ ބަންދު ދުވަސްތަކެއް ދިމާވުމުން ކަރެކްޝަންސްގެ އުސޫލު އޮތް ގޮތުން އެ ފުރުސަތު ލިބިވަޑައިނުގަންނަވާ ކަމަށެވެ. ދައުވާ ކުރަނީ އެ މަނިކުފާނުގެ މައްޗަށް ކަމަށް ވާއިރު، ވަކީލުންނާ މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ. ވަކީލުންނާ ބައްދަލުކުރައްވަން ފުރުސަތު ދިނުމަށް ފަހު ބަޔާން ހުށަހަޅަން ފުރުސަތު ދޭން ޔާމީން އެދިވަޑައިގަތެވެ.
ޔާމީނުވެސް ތަކުރާރުކޮށް ވަނީ އިފްތިތާޙީ ބަޔާން ހުށައެޅުމަށް އަދި ފުރުސަތެއް ދެއްވުމަށް އެދިލައްވާފައެވެ. އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ދައުލަތުން ވަނީ ވަކީލު ބައްދަލުވުމަށް ފަހު ފުރުސަތެއް ދެއްވުމަށްފަހުވެސް އިފްތިތާޙީ ބަޔާން ކުރިއަށް ގެންދިއުމަށް ދިފާއަށް ފުރުސަތު ދިނުމާމެދު އިއުތިރާޒެއް ނެތްކަމަށް ބުނެފައެވެ. ވުމާއެކު ގާޒީ ވަނީ އެ ފުރުސަތު ދެއްވަވައި އަޑުއެހުން ކުރުކޮށްލައްވާފައެވެ.
އެކަމާ ގުޅިގެން ޔާމީން ވިދާޅުވީ ބަންދު ދުވަސްތަކުގައި ވެސް ވަކީލުންނާ ބައްދަލު ކޮށްގެން ޝަރީއަތް އަވަސް ކުރަންޖެހޭ ހިސާބަށް މި މައްސަލަ ދިޔައީތޯ ސުވާލު އުފެދޭ ކަމަށެވެ. މިގޮތަށް ކުރިއަށް ގެންދާ ނަމަ، ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ވެސް ޝަރީއަތް ބާއްވަންވީ ނޫންތޯ ޔާމީން ވިދާޅުވިއެވެ. ގާޒީ ނަދީމް ވިދާޅުވީ ޝަރީއަތްތައް މެދުކެނޑުމެއް ނެތި އަވަހަށް ކުރިއަށް ގެންދިއުމަކީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ކަނޑައަޅާފައި އޮތް އުސޫލު ކަމަށެވެ.
ޖަވާބުގައި ޔާމީން ވިދާޅުވީ ގާނޫނު އޮތް ގޮތުން މި ޝަރީއަތް އަވަސްވާ ނަމަ، އެ މަނިކުފާނުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި ވެސް އަވަސް ވާން ޖެހޭނެ ކަމަށެވެ. ހުރިހާ ކޯޓަކަށް ވެސް އޮންނާނީ އެއް އުސޫލުތަކެއް ކަން ޔާމީން ފާހަގަ ކުރެއްވިއެވެ.
ނަމަވެސް ގާޒީ ވިދާޅުވީ އިސްތިއުނާފް މައްސަލައަކީ ފުއްގިރި މައްސަލައާ ގުޅުން އޮތް ކަމެއް ނޫން ކަމަށެވެ. ޔާމީންގެ ވަކީލުންގެ އެދުމުގެ މަތިން، އިފްތިތާހީ ބަޔާން ހުށަހެޅުން އަންނަ ބުދަ ދުވަހަށް ފަސްކުރަން ނިންމެވީ ކަމަށް ގާޒީ ވިދާޅުވިއެވެ.
ދެން އޮންނަ އަޑުއެހުމުގައި އޮންނާނީ ޔާމީނުގެ ފަރާތުން އިފްތިތާޙީ ބަޔާން އިއްވުމާއި ހެކިންގެ ހެކިބަސް ނަގަން ފެށުމެވެ. ރ.ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދަޢުވާ އުފުއްލަވައިފައިވާއިރު، ވ. އާރަށުގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުއްލެވި ދެ ދަޢުވާއެއް ސާބިތުވުމާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އިއްވަވައިފައެވެ. އަދި އެމަނިކުފާނު މިވަގުތު ހުންނެވީ ޙުކުމް ތަންފީޒުކުރެއްވުމަށް ކ.މާފުށީ ޖަލުގައެވެ.
މިހާރު އުފުއްލަވައިފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ، މަދުވެގެން ފަސް އަހަރުގެ ޖަލު ޙޫކުމާއެކު، ޖޫރިމަނާގެ ޙުކުމެއް އަންނާނެއެވެ.
ކޮމެންޓު ފޮނުވާ