ސިމްސް އޮންލައިން ޕޯޓަލް މެދުވެރިކޮށް މިދިޔަ ފެބްރުއަރީމަހުން ފެށިގެން މިހާތަނަށް 25000 އެޕްލިކޭޝަނަށް ޚިދުމަތް ދެއްވާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި މި ޕޯޓަލްއިން އަތޮޅުތަކުގައި "އޭ" ޒޯން ލައިސަންސް ދިނުމަށް ކަނޑައަޅާފައިވާ ހުރިހާ ކައުންސިލްތަކުން ވެސް މި ޚިދުމަތް ދޭން ފަށާފައިވާކަމަށް ބުނެފައިވެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ މި ޕޯޓަލްއަކީ އަލަށް ތައާރުފްކުރެއްވި ޕޯޓަލްއެއްކަމުން ބައެއް ޙާލަތްތަކުގައި އެކިއެކި ދަތިތަކާ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއްކަމަށެއެވެ. އަދި މިގޮތަށް ދިމާވާ މައްސަލަތައް ޙައްލުކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި މި ފަދަ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އެ މިނިސްޓްރީއަށް ގުޅައި އެކަމެއް ޙިއްޞާކުރުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ރައްކާތެރިކަމާއި ފަސޭހަކަމާއެކު ރައްޔިތުންނަށް ހޯއްދަވައިދެއްވުމުގެ މަގު ފަހިކުރެއްވުމަށްޓަކައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނިން އަލަށް ތަޢާރުފްކުރެއްވި "ސިމްސް" ޕޯޓަލަކީ ކޮންމެ މީހަކަށްވެސް އެ މީހެއްގެ އީ ފާސް އެކައުންޓް ބޭނުންކޮށްގެން ފަސޭހަކަމާއެކު ޚިދުމަތް ހޯދޭގޮތަށް ފަރުމާކޮށްފައިވާ ޚިދުމަތެކެވެ.
ސިމްސް ޕޯޓަލް ބޭނުންކޮށްގެން ދިވެހި ރައްޔިތުންނަށާއި އަދި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ވެސް ދުނިޔޭގެ ކޮންމެތާކު ތިބެގެން ވެސް ޚިދުމަތް ލިބޭނެއެވެ.
ޑިޖިޓަލް ލައިސަންސާއެކު އުޅަނދު ދުއްވާ މީހުންނަށް ވަނީ ބޮޑު ލުޔެއް ލިބިފައެވެ. އެގޮތުން ލައިސަންސް ކާޑު ގެއްލުމާއި އަދި އަބަދުވެސް އަތުގައި ލައިސަންސް ގެންގުޅެންޖެހުމުގެ ބުރައަށް ޑިޖިޓަލް ލައިސަންސް ޚިދުމަތާއެކު ވަނީ ލުއިލިބިފައެވެ.
2 Responses
މި ޕޯޓަލް މެދުވެރިކޮށް ފައިސާ ނުދެއްކިގެން މިނިސްޓްރީ އށް ގުޅާ ގުޅާ ދުވަހަކު ފޯނެއް ނުނަގާ! ޢެންމެ ފަހުން ޖެހުނީ ފޭސް 2 އެތަނަށް ދާން. ޑިޖިޓަލް ވީމަ ކިހާ ފަސޭހަ!
ހުރިހާ އަތޮޅަކަުން ނުފަށާ އަދިވެސް. ދޮގު ހެދުންވެސް ހައްދު ފަހަނަ އަޅާފަ.