ސްޕެނިޝް ލީގުގައި ރޭ އޮސަސޫނާ އަތުން 4-0 އިން ބާސެލޯނާ މޮޅުވި މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ، ޑިއެގޯ މަރަޑޯނާ އަށް އިހުތިރާމް އަދާކޮށްފި އެވެ.
ހާޓް އެޓޭކެއް ޖެހިގެން އުމުރުން 60 އަހަރުގައި މަރުވި މަރަޑޯނާގެ ހަނދާން އާކުރުމުގެ ގޮތުން އޭނާގެ ޖާޒީއެއް ސެންޓަ ސާކަލުގައި ބާއްވައިގެން، ދެ ޓީމުގެ ކުޅުންތެރިން ރޭ މެޗު ފެށުމުގެ ކުރިން ހިމޭންކަމުގައި ތިއްބެވެ. ކޭމްޕް ނޯގެ ދިދަތައް ބައިދަނޑިއަށް ތިރިކޮށްފައި ހުރިއިރު، ދަނޑުގެ ހުރިހާ ސްކްރީނަކުންނާއި އިޝްތިހާރު ބޯޑުތަކުން ފެންނަން ހުރީ މަރަޑޯނާގެ ފޮޓޯއެވެ.

މަރަޑޯނާ ވަނީ 1982-1984 އަށް ބާސެލޯނާ އަށް ކުޅެފަ އެވެ. އެކަމަކު މެސީ އަށް އެންމެ ހާއްސަވީ 1993-1994 އަށް އާޖެންޓީނާގެ ނެވެލްސް އޯލްޑް ބޯއީސް އަށް މަރަޑޯނާ ކުޅުމެވެ. މެސީ ޔޫތު ކުޅުންތެރިއެއްގެ ގޮތުގައި ފުޓްބޯޅަ ކުޅެން ފެށީ ނެވެލްސްގެ ޖާޒީގައި 1994 ގަ އެވެ. މެސީ ވަނީ ލަނޑު ޖެހުމަށް ފަހު، މަރަޑޯނާ ބޭނުންކުރި ނެވެލްސްގެ 10 ނަމްބަރު ޖާޒީ ލައިގެން ހުރެ މަރަޑޯނާ އަށް އިހުތިރާމްއަދާކޮށްފަ އެވެ. މެސީ ރޭގެ މެޗު ކުޅުނީ ބާސެލޯނާ ޖާޒީގެ އެތެރެއިން ނެވެލްސްގެ އެ ޖާޒީ ލައިގެންނެވެ.
މެސީ ވަނީ މަރަޑޯނާގެ ކޯޗުކަމުގައި 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާ ގައުމީ ޓީމަށް ކުޅެފަ އެވެ.
ކޮމެންޓު ފޮނުވާ