ޑިއެގޯ މަރަޑޯނާގެ އާޖެންޓީނާގެ ޖާޒީ ރަމްޒުކޮށްދޭ ޖާޒީއެއްގައި ކުޅެ އޭނާގެ ހަނދާންތައް އާކުރި މެޗުން އިޓާލިއަން ލީގުގައި ރޭ ނަޕޯލީން 4-0 އިން ރޯމާ އަތުން މޮޅުވެއްޖެ އެވެ.
ރޭގެ މެޗުގައި ނަޕޯލީގެ ފުރަތަމަ ގޯލް 40 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ޖެހީ ކެޕްޓަން ލޮރެންޒޯ އިންސީނޭ އެވެ. އޭނާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރީ މަރަޑޯނާގެ 10 ނަމްބަރު ޖާޒީ އެކުއެވެ. ނަޕޯލީގެ އަނެއް ދެ ގޯލް ޖެހީ ފަބިއަން ރުއިޒާއި ޑްރިއެސް މާޓިންސް އަދި މަޓެއޯ ޕޮލިޓާނޯއެވެ.
މި މޮޅާ އެކު ނަޕޯލީ ވަނީ 17 ޕޮއިންޓް ހަމަކޮށް ފަސް ވަނަ އަށް އަރައިފަ އެވެ. ރޯމާ އޮތީ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ހަ ވަނައިގަ އެވެ.
ރޭ އޭސީ މިލާން ވަނީ ފިއޮރެންޓީނާ އަތުން 2-0 އިން މޮޅުވެ ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި މިލާނުގެ ގޯލްތައް ޖަހައިދިނީ ކެޕްޓަން އަލެސިއޯ ރޮމަނޮލީ އަދި ޕެނަލްޓީއަކުން ފްރޭންކް ކެސިއޭއެވެ.
މިލާން އެއްވަނައިގަ އޮތްއިރު ލިބިފައިވަނީ 23 ޕޮއިންޓެވެ. އެންމެ ގާތުގައި އޮތީ 18 ޕޮއިންޓާ އެކު ވާދަވެރި އިންޓަ މިލާނެވެ.