ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާ ވާ ހާލަތްތަކުގެ ތެރޭގައި 50އަށް ވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިތައް ހިމެނުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ވަނީ ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމާއެކު ކޮތަޅުބޮނޑީގެ އަގު އުފުލިފައި ވުމާ ގުޅިގެން އާންމު ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ބޮޑުވެ، ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވުމާއި ގުޅިގެން ބަޔާނެއް ނެރެފައެވެ.
މިބަޔާނުގައި ބުނެފައިވަނީ ކޮތަޅު ބޮނޑި ގަންނަ ފަރާތްތަކަށް އެހާ ބޮޑުތަނުން އަގު ބޮޑުވާން ދިމާވި ސަބަބަކީ، ކުނި މެނޭޖުކުރުމުގެ ޤާނޫނުގައި މިހާރު ބުނެފައިވާ ގޮތުން، ކޮތަޅު ބޮނޑި ގަންނަ ފަރާތްތަކުން ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް 2 ރުފިޔާގެ ފީ އެއް ދައްކަން ޖެހުންކަމަށެވެ. އާންމު ގޮތެއްގައި ބޮނޑި ޕެކްކޮށްފައި ހުންނަނީ 100 ކޮތަޅުން ކަމަށްވެފައި ކޮންމެ ކޮތަޅަކަށް 2 ރުފިޔާގެ ރޭޓުން ޖުމްލަ 200 ރުފިޔާ، ފީ ގެ ގޮތުގައި ދައްކަން ޖެހުން ކަމަށެވެ.
އެންވާރުމަންޓް މިނިސްޓްރީން ބުނީ ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ބިލު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާ ވާ ހާލަތްތަކުގެ ތެރޭގައި 50 (ފަންސާސް) ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ވާނީ ހިމަނާފައިވާނެކަމަށެވެ.
ނަމަވެސް، ކުނި މެނޭޖުކުރުމުގެ ބިލް މަޖިލީހުން ފާސްވެގެން އައިއިރު މި މައްދާ ވަނީ އުނިކުރެވިފައިކަމަށެވެ މި މައްދާ އުނިކުރެވިފައި ވިޔަސް، އެ ބިލަކީ ކުނީގެ އަސާސީ ޚިދުމަތް ދިނުމަށް މުހިއްމު ބިލަކަށްވާތީވެ، ސަރުކާރުން ނިންމީ ތަޞްދީޤުނުކޮށް ފޮނުވާލުމުގެ ބަދަލުގައި އެހެން ހުރި މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށް ހުށަހަޅަންޖެހޭ އިސްލާހުތައް ވަކިން ހުށަހެޅުމަށްކަމަށެވެ.
އެގޮތުން، އިސްވެ ދެންނެވުނު މައްސަލަ ވެސް ހައްލުކުރެވޭ ގޮތަށް ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ސަރުކާރުން ވާނީ ފާއިތުވީ މާރިޗް މަހު އިސްލާހް ހުށަހަޅާފަ. މި އިސްލާހް މަޖިލީހުން ފާސްވުމުން މިހާރު ދިމާވެފައިވާ މައްސަލައަށް ޙައްލު ލިބިގެންދާނެ.
– މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
އެމިނިސްޓްރީން ބުނީ ޕްލާސްޓިކް ކޮތަޅުން ފީ އެއް ނަގަން ސަރުކާރުން ނިންމީ އެއީ އާންމު ދިރިއުޅުމުގެ ތެރޭގައި އުފެދޭ ޕްލާސްޓިކް ކުނި މަދުކުރުމަށް ދުނިޔޭގެ ޤައުމުތަކުގައި އެންމެ ކާމިޔާބުކަމާއެކީ ޢަމަލުކުރާ އެއް ސިޔާސަތު ކަމަށްވެފައި، އެ ސިޔާސަތު ތަންފީޛު ކޮށްފިނަމަ ރާއްޖެއަށް ދިމާވެފައިވާ ޕްލާސްޓިކް ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ލިބޭނެތީއެވެ. އަދި ރާއްޖެއަކީ ނާޒުކު ތިމާވެށްޓެއް ލިބިފައިވާ އަދި ފަތުރުވެރިކަމުގެ ސިނާއަތަށް މުޅި އިޤްތިޞާދު ބިނާވެފައިވާ ޤައުމަކަށްވެފައި ޕްލާސްޓިކުން ވެށި ހިމާޔަތްކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ޤައުމީ މަސައްކަތަކަށް ވާތީކަމަށެވެ.
ފްލާސްޓިކް މަދުކުރުމުގައި ހިންގޭ މިފަދަ ޤައުމީ ހަރަކާތްތަކުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއި ބައިވެރިވުން ދެއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
One Response
ކޮތަޅު ހުއްޓުވަން ބޭނުންވާނަމަ، ހުޅުމާލޭގައި ފެކްޓަރީ ތަކުގައި ޑިޔުޓީއެއް ނެތި ރޯމެޓީރިއަލް އެތެރެކޮށްގެން ހަދަމުންދާ ކޮތަޅުތައް ހެއްދުން ހުއްޓުވަންޖެހެއެވެ.، މިފެކްޓަރީ ތަކަކީ މަޖްލީހުގެ މެންބަރުން ތަކެއްގެ ހިއްސާ އޮންނަ ކުންފުނިން ހިންގާ ތަންތަނެވެ. މިތަންތަނުގައި ކޮތަޅު ހަދަން ފަހި ކޮއްދީފާ، އެތެރެކުރާ ކޮތަޅުގެ ޑިޔުޓީ ކިތަންމެ ބޮޑުކުރިޔަސް، ކޮތަޅުން ޓެކްސް ނެގިޔަސް ރައްޔިތުން އަތުން ފައިސާގޮސް ފެކްޓަރީތަކަށް ލިބޭ ފައިދާ ބޮޑުވުން ނޫންކަމެއް ނުވާނެއެވެ. ބާޒާރުން ކޮތަޅެއް މަދެއް ނުވާނެއެވެ. މަނާވެފައި އޮތް ސައިޒްތައްވެސް ހެދުން ނުހުއްޓުވޭނެއެވެ.