މެލޭރިއާ ކޭސްއެއް ފެނުނަސް، ފެތުރުމުގެ ފުރުޞަތެއް ނެތް: އެޗްޕީއޭ

މެލޭރިއާ ކޭސްއެއް ފެނުނަސް، ފެތުރުމުގެ ފުރުޞަތެއް ނެތް: އެޗްޕީއޭ

Author
މުޙައްމަދު ޝަޒައިމް
18 އޭޕްރިލް 2023 03:28
0

ރާއްޖެއިން ނައްތާލާފައިވާކަން އިއުލާނުކޮށްފައިވާ މެލޭރިއާގެ ކޭސްއެއް ފެނިފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަށަވަރުކޮށްދީފިއެވެ.

އެޗްޕީއޭއިން ބުނީ، ރާއްޖެއިން ބޭރުން މެލޭރިއާ ޖެިފައި ތިބި މީހުން ރާއްޖެ އައިސްގެން ޕޮޒިޓިވްވާ ކޭސްތައް ފެންނަ ކަމަށެވެ. އަދި, އޮންނަ އުސޫލުގެ ތެރެއިން އެމީހުންނަށް ފަރުވާ ދިނުމާއި، ސިއްހީ ހިދުމަތްދޭ ތަނާ ގުޅިގެން އެޗްޕީއޭއިން މަސައްކަތް ކުރާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ، ރާއްޖެއިން ނައްތާލެވިފައިވާ ބައެއް ބަލިތަކުގެ ކޭސްތައް ރާއްޖެއަށް ދަތުރުކުރާ މީހުންގެ ތެރެއިން ބައެއް ފަހަރު ފެންނަކަމަށެވެ. ނަމަވެސް މިއީ ރާއްޖޭގައި ބަލި އޮތްކަމަށް އަދި، ބަލި ފެތުރުމުގެ ފުރުޞަތު އޮތް ކަމެއް ނޫންކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ މިގޮތަށް އިމްޕޯޓެޑް ކޭސްތައް ފެނުމުން ޢަމަލުކުރާނެ ގޮތުގެ އުސޫލު ކަނޑައަޅާފައިވާކަމަށެވެ. އެގޮތުން ފެނުނު މެލޭރިއާ ކޭސްއާއި ގުޅިގެންވެސް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށެވެ. ރާއްޖެއިން މުޅިން މެލޭރިއާ ނައްތާލާފައިވަނީ 2015ވަނަ އަހަރުއެވެ. ޑަބްލިއުއެޗްއޯއިން އެކަމުގެ ލިޔުން ރާއްޖެއާއި ހަވާލުކުރީ އެއަހަރު ޑިސެމްބަރު މަހުއެވެ.

މެލޭރިއާއަކީ ވަކި ބާވަތެއްގެ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔެކެވެ. ރާއްޖެއަކީ މިސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިންވެސް އެންމެ ފުރަތަމަ މި ބަލި ނައްތާލި ޤައުމެވެ. އޭގެ ފަހުން މެލޭރިއާ އައުޓްބްރޭކެއް ރާއްޖެއިން ފެނިފައެއް ނުވެއެވެ. ނަމަވެސް މިގޮތަށް ނައްތާލާފައިވާ ބަލިތަކުގެ އިމްޕޯޓެޑް ކޭސްތައް ބައެއް ޙާލަތްތަކުގައި ފެންނަމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.