ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި, އުފުލާފައިވާ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމާ މެދު ބަހުސް ކުރުމަށް ފުރުސަތު ނުދިނުމުން ކުރީގެ ރައީސް ޔާމީން ނުރުހުން ފާޅުކުރައްވައިފިއެވެ.
ރައީސް ޔާމީން ވާހަކަދައްކަވަން ބޭނުންވި މައްސަލައިގައި ކްރިމިނަލް ކޯޓުން މީގެކުރިން އޮތީ ގޮތެއް ނިންމަވާފައެވެ. އެގޮތުން ފުއްގިރި މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިން ބެއްލެވި އެ ކޯޓުގެ ކުރީގެ އިސް ގާޒީ އަދި ހައިކޯޓުގެ މިހާރުގެ ފަނޑިޔާރު އަހްމަދު ޝަކީލް ނިންމެވީ ރައީސް ޔާމީންގެ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށެވެ. މިހާރު މައްސަލައާ ހަވާލުވެ ހުންނެވި ގާޒީ އަލީ ނަދީމް ނިންމަވާފައިވަނީ މައްސަލަ އޮތް ހިސާބުން ކުރިއަށް ގެންދިއުމަށެވެ. ގާޒީ ނަދީމް އެ ގޮތަށް ނިންމެވުމުން ވާހަކަ ދެއްކުމުގެ ފުރުސަތަކަށް ރައީސް ޔާމީން އެދިވަޑައިގަތެވެ. އެ ފުރުސަތުގައި ޔާމީން ވިދާޅުވީ ދުނިޔޭގެ ކޮންމެ ކޯޓެއްގައި ވެސް މަދަނީ މިންގަނޑަށް ވެސް ދައުވާތައް ފެތޭތޯ ބަހުސް ކުރަން ދިފާއަށް ފުރުސަތު ދޭ ކަމަށެވެ.
މަދަނީ މިންގަނޑުން ވެސް އަޅުގަނޑުގެ ކުށެއް ނެތް ސާބިތު ކުރަން ފުރުސަތު ދިނުމަކީ ވަރަށް ވެސް އަސާސީ ހައްގެއް، އެ ފުރުސަތު މި ކޯޓުން ވެސް އެބަ ހުރި ދީފަ، އެކަމަކު މި ފެންނަނީ އެކި ގާޒީން އެކި ގޮތަށް އަމަލުކުރާ ތަން.
– ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، ދައުލަތުގެ ބައެއް ހެކިތައް ސިއްރުކުރަން ނިންމާފައި ނިންމުން ވެސް މުރާޖައާ ކުރަން ޖެހޭ ކަމަށެވެ. ދިފާއަށް، ދައުލަތުން ކުރާ ދައުވާ އާއި ހުށަހަޅާ ހެކިތަކާއި ލިޔެކިޔުންތަކުގެ ފުރިހަމަ މައުލޫމާތު އަރުވަން ޖެހޭނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
ދައުލަތުގެ ބައެއް ހެކިތައް ސިއްރުކުރަން ދައުލަތުން އެދިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ "ހެކި ރައްކާތެރިކުރުމުގެ އަމުރު" ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވެސް ވަނީ އެ އަމުރު ދަމަހައްޓައިފައެވެ. ޔާމީންގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް މިހާރު ނިންމާފައިވެ އެވެ. ޔާމީންގެ ވަކީލުންގެ ތެރޭގައި ހިމެނޭ ވަކީލު އާދަމް ޝަމީމް ވިދާޅުވީ ގާނޫނުގައި ދީފައި އޮތް މުއްދަތުގެ ތެރޭގައި އިސްތިއުނާފަށް ހުށަހަޅުއްވާނެ ކަމަށެވެ.
ރ. ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާއެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.17 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ.
ރައީސް ޔާމީން މިވަގުތުވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. އެއީ ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި ފައިސާ ނަންގަވައި އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެގެންނެވެ. މިމައްސަލަ ވެސް މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ.
ކޮމެންޓު ފޮނުވާ