ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާނެކަން އިއުލާން ކުރައްވާފައިވާ، ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމްގެ ޚާރިޖީ ސިޔާސަތަކީ ކުރީގެ ދެ ރައީސުން ކަމުގައިވާ އިބުރާހިމް ނާސިރާއި ރައީސް މައުމޫން ގެންގުޅުއްވި ޚާރިޖީ ސިޔާސަތުކަން އިއުލާން ކުރައްވައިފިއެވެ.
ވެރިކަމުގައި ގެންގުޅުއްވާނެ ޚާރިޖީ ސިޔާސަތު އިއުލާން ކުރައްވަމުން ގާސިމް އިބުރާހިމް ވިދާޅުވެފައިވަނީ އެމަނިކްފާނުގެ ވެރިކަމެއްގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތަކަށް ހައްދަވާނީ ކުރީގެ ރައީސް އިބުރާހިމް ނާސިރާއި ރައީސް މައުމޫންވެސް ގެންގުޅުއްވި ޚާރިޖީ ސިޔާސަތު ކަމުގައެވެ.
Alhugaduge verikamehgai dhivehi rajjeyge khaarijee siyaasathakah hadhaanee kureege Raees Ibrahim Nasir aa Raees Maumoon ves gengulhuhvi khaarijee siyaa sathu kamugai dhannavan .
— Qasim Ibrahim (@qasimibrahim) April 17, 2023
ގާސިމް އިބުރާހިމް އެމަނިކްފާނުގެ ޚާރިޖީ ސިޔާސަތު އިއުލާން ކުރެއްވި ނަމަވެސް، އެމަނިކްފާނުގެ ވެރިކަމެއްގައި ގެންގުޅުއްވާނެ އެހެން ސިޔާސަތުތައް އަދި އިއުލާން ކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް، ރިޔާސީ އިންތިޚާބަށް ގާސިމްއާއެކީ ކޯލިޝަން ހައްދަވާފައިވާ ކުރީގެ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ފަރާތުން ހާމަ ކޮށްފައިވަނީ ދެފަރާތުގެ ދެމެދުގައި މިހާރު ކުރިޔަށްދާ މަޝްވަރާތަކަކީ މެނިފެސްޓޯ އެކުލަވާލުމަށް ސިޔާސަތުތަކެއް ކަނޑައެޅުމަށްޓަކާ ކުރިޔަށް ގެންދާ މަޝްވަރާރަކެއް ކަމުގައެވެ.
އަދި މި މަޝްވަރާތަކާއެކު، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ނަޝީދުގެ ފަރާތުން ހުށަހެއްވި ކަރުދާސްވަނީ މީޑިއާތަކަށް ލީކުވެފައެވެ. މި ކަރުދާހުގައި ވާގޮތުން، ގާސިމް އިބުރާހިމްއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވި، އެހެންނަމަވެސް ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެނޭތޯ އާންމު ވޯޓަކަށް ދާންޖެހެއެވެ.
ކޮމެންޓު ފޮނުވާ