މޫސުން ތަންދޭނަމަ މިއަހަރުގެ ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައިކުރާނެ

މޫސުން ތަންދޭނަމަ މިއަހަރުގެ ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައިކުރާނެ

Author
މުޙައްމަދު ޝަޒައިމް
16 އޭޕްރިލް 2023 10:11
0

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މޫސުން ތަންދޭނަމަ މާލޭގައި ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރާގޮތަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހަމަޖައްސަވައިފިއެވެ.

މާލެ ސިޓީގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މާފަންނު ސްޓޭޑިއަމްގައެވެ. އަދި އިސްލާމީ މަރުކަޒާއި މައިދާން ސަރަޙައްދުގަޔާއި، ސަލްމާން މިސްކިތުގައި އީދު ނަމާދު ކުރާނެއެވެ. ހުޅުމާލޭގައި ފޭސް 1- ސިންތެޓިކް ޓްރެކުގައާއި، ފޭސް-2 ގެ ކްރިކެޓް ސްޓޭޑިއަމް (H16 އާ ދިމާލަށް އޮންނަ ސަރަޙައްދު) ގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރާނެއެވެ.

ވިލިމާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުން އޮންނާނީ ވިލިމާލޭ ބޯޅަ ދަނޑުގައެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިއަހަރުގެ ފިޠުރު ޢީދު ބޮޑުޖަމާއަތުގައި ކުރުމުގެ އިންތިޒާމް އަތޮޅުތެރޭގެ ގިނަ ރަށްރަށުގައިވެސް ހަމަޖައްސާފައިވާކަމަށެވެ.

ޢީދު ނަމާދު ވަގުތު މޫސުން ގޯސްވެއްޖެނަމަ ހުކުރުކުރާ ހުރިހާ މިސްކިތެއްގައިވެސް ޢީދު ނަމާދުކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި އެހެން އަހަރުތަކޭ އެއްގޮތައް މި އަހަރުވެސް ބޮޑު ޖަމާޢަތުގައި ނަމާދުކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ސަރަޙައްދުތަކުގައި ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަން ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ޢީދު ނަމާދަށްދާއިރު ސަމާލުކަން ދެއްވަންވީ ކަންކަން:

– ގެއިން ވުޟޫކޮށްގެން ދިއުން
– އަމިއްލަ މުޞައްލައެއް ގެންދިއުން
– އަމިއްލަ ފެންފުޅިއެއް ގެންދިއުން
– ފައިވާންލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ގެނައުން

އިސްލާމިކް މިނިސްޓްރީން ވަނީ ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދުތަކަށްދާ ހުރިހާ ރައްޔިތުންވެސް މިކަންކަމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.