ޖަޕާނުގެ ބޮޑުވަޒީރު ތަގުރީ ކުރައްވަން ހަމަޖެހިފައި ވަނިކޮށް، ހޯލުގެ ތެރެއިން ގޮވުމެއްގެ އަޑު އިވުމާއިއެކު، ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ހޯލުން ނެރެ ރައްކާތެރި ތަނަކަށް ބަދަލު ކޮށްފިއެވެ.
ޖަޕާނުގެ ޕަބްލިކް ބްރޯޑްކާސްޓަރ NHK އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ބޮޑުވަޒީރު ތަގުރީރު ކުރައްވަން ހަމަޖެހިފައި އޮތީ ވަކަޔާމާ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އައުޓު ޑޯ އިވެންޓެއްގައި ކަމަށެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ހުރި NHKގެ ރިޕޯޓަރަކާއި ހަވާލާދީ ސީއެންއެންއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ގޮވާފައިވަނީ ބޮޑުވަޒީރު ކިޝިޑާ ތަގުރީރު ކުރައްވަން ތައްޔާރުވެފައި ވަނިކޮށް "ގޮވާ އެއްޗެއް" ކަމުގައެވެ. އެހެންނަމަވެސް މި ހަމަލާގައި ކިޝިޑާއަށް އަނިޔާ ވެފައި ނުވާކަމަށްވެސް ރިޕޯޓު ކޮށްފައި ވެއެވެ.
އަދި ބޮޑުވަޒީރު ކިޝިޑާ މިހާރު ހުންނެވީ ރައްކާތެރި ތަނެއްގައި ކަމަށްވެސް ޖަޕާނުގެ ރަސްމީ ފަރާތްތަކުން މީޑިއާތަކަށް މައުލޫމާތު ދީފައި ވެއެވެ.
NHK އިންވަނީ މި ހަމަލާއަށްފަހު ފުލުހުން މީހަކު ހައްޔަރު ކުރަނިކޮށް ނަގާފައިވާ ވީޑިއޯއެއް އާންމު ކޮށްފައެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި ފުލުސް އޮފިސަރުން ކަމަށް ބެލެވޭ ގިނަބަޔަކު އެމީހާ ބިންމައްޗަށް ވައްޓާލާ އަދި އޭނާ ވަށާލާފައިވާ މަންޒަރު ފެންނާން ހުރެއެވެ.
ޖަޕާނުގެ ލޯކަލް ނޫހެއްކަމަށްވާ "ކިޔޯޑޯ"އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ބޮޑުވަޒީރު ކިޝިޑާއަށް އަމާޒުކޮށް މީހަކު އެއްލާފައިވަނީ ބެލެވޭ ގޮތުގައި "ސްމޯކު ބޮމެ"ކެވެ.
މިހާސިދާ ހިނގާފައިވަނީ ޖަޕާނުގެ ވަކަޔަމާ ސިޓީގެ ސައިކަޒަކި ފިޝިން ޕޯޓު ބެއްލެވުމަށްފަހު ކިޝިޑާ ތަގުރީރު ކުރައްވަން ތައްޔާރު ވަނިކޮށެވެ.
މިހަމަލާ ދިން ސަރަހައްދުގައި ހުރި ކައުންސިލް މެމްބަރަކާ ހަވާލާދީ NHKއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ބޮން ގޮވުމުގެ ކުރިން އޭނާއާއި ދެ މީޓަރެއްހާ ދުރަށް "އޮރެންޖު ކުލައިގެ އެއްޗެއް" މީހަކު އެއްލާލި މަންޒަރު އޭނާއަށް ވަނީ ފެނިފައެވެ.
މީގެ އެއް އަހަރު ކުރިން ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަށް ޖަޕާނުގެ މީހަކުވަނީ ބަޑިން ހަމަލާދީ އޭނާ އަވަހާރަ ކޮށްލާފައެވެ.
ޖަޕާނަކީ ހަތިޔާރު ބޭނުންކޮށްގެން މީހުންނަށް ހަމަލާދިނުން ދުނިޔޭގެ އެންމެ މަދު އެއް ގައުމެވެ. އަދި ދުނިޔޭގައި އެންމެ ރައްކާތެރި ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމުވެސް މެއެވެ.