ޔާމީންގެ ހުށަހެޅުންތަކާ މެދު ނިންމި ނިންމުން ބާތިލެއް ނުކުރި

ޔާމީންގެ ހުށަހެޅުންތަކާ މެދު ނިންމި ނިންމުން ބާތިލެއް ނުކުރި

Author
މުޙައްމަދު ޝަޒައިމް
11 އޭޕްރިލް 2023 04:22
0

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުންތައް ބާތިލްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުން ނިންމި ބައެއް ނިންމުންތައް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފްކުރިއެވެ. އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، ޒިޔަތު ހެކިންގެ ގޮތުގައި ބަލައިނުގަތުމަށް ހުށަހެޅި ހުށަހެޅުމާއި ބައެއް ލިޔުންތައް ހޯދަން ހުށަހެޅި ހުށަހެޅުންތަކެކެވެ.

ދައުލަތުން ހުށަހެޅި ހެކިތައް ޝަރީއަތަށް ބަލައިނުގަތުމަށް ޔާމީންގެ ފަރާތުން ހުށަހެޅީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައެވެ. ސަބަބެއްގެ ގޮތުގައި ޔާމީންގެ ފަރާތުން ފާހަގަ ކުރައްވާ ނުކުތާއަކީ، ހެކި ހުށަހެޅި ސަބަބުތަކާއި އެ ހެކި މެދުވެރިކޮށް ސާބިތުކުރާން އޮތް ކަންކަމާއި ދައުވާތަކާ ގުޅުމެއް ނެތް ކަމެވެ.

ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ އެ ހެކިތައް ބަލައިނުގަންނަން ޖެހޭ ވަރުގެ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. ޔާމީންގެ ފަރާތުން އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލާގައި މިއަދު ކުރި ހުކުމުގައި ވަނީ ދަށު ކޯޓުގެ ނިންމުން ބަދަލުކުރަން ޖެހޭ ވަރުގެ ގާނޫނީ އަދި ޝަރުއީ ސަބަބެއް ޔާމީންގެ ފަރާތުން ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.

އެގޮތަށް ހުކުމް އިއްވީ ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހަސަން ޝަފީއުއެވެ. ދެން ތިއްބެވީ ފަނޑިޔާރު ދީބަނާޒު ފަހުމީ އާއި، ފަނޑިޔާރު މުހައްމަދު ފައިސަލްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.