މި ފަހަރުގެ ފުޓްބޯޅަ ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕް 2023 ގެ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް އެންމެ ފަހުގެ ރަނަރަޕް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފެށުން ރަނގަޅުކޮށްފިއެވެ.
ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުވެސް މާޒިޔާއިން ކާމިޔާބުކޮށްފައިވާއިރު، މި މެޗުގައި މާޒިޔާގެ ފުރަތަމަ އެގާރައިން ގިނަ ބަދަލުތަކެއް ފެނުނެވެ. އަނެއްކޮޅުން ޓީސީން މި މެޗުގެ ކުރިން ކުރީ އެންމެ ތިން ޕްރެކްޓިހެވެ. ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން މާޒިޔާއިން ކުރިއަށްޖެހި ހަމަލާތައް އުފެއްދޭތޯ މަސައްކަތްކުރި ނަމަވެސް ޓީސީން ވަނީ މާޒިޔާއަށް ނުރައްކާތެރި ހަމަލާއެއް އުފެއްދުމުގެ ފުރުސަތު ނުދީ ވަރަށް ރަނގަޅަށް ޑިފެންސްކޮށްފައެވެ. އެކަމަކު މި ހާފުގައި މާޒިޔާގެ އައިސަމް ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ޓީސީގެ ގޯލަށް ފޮނުވާލާފައެވެ. އޭގެ ތެރެއިން އެއް ހަމަލާ ޓީސީގެ ލަންކާ ކީޕަރު ސުޖަން ޕެރޭރާ ދިފައުކުރިއިރު، އަނެއް ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި މާޒިޔާއަށް ކާމިޔާބު ކޮށްދިނީ އައިސަމެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި އައިސަމް ވަނީ އިތުރު ލަނޑެއް ޖަހާ މާޒިޔާގެ ލީޑު ފުޅާކޮށްދީފައެވެ.
މެޗުގެ ދެވަނަ ހާފުގައިވެސް މާޒިޔާއިން ކުރިއަށްޖެހި ޓީސީގެ ހާފަށް ބާރުބޮޑުކުރިއިރު، މި ހާފުގައި މާޒިޔާގެ ހަމްޒާ މުހައްމަދު އޭރިއާ ބޭރުން ފޮނުވާލި ދެ ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ. އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި، ހަސަން ރާއިފް އަޙްމަދު (ހަންނަ) މުޅިން ހުސްކޮށްހުރެ ފޮނުވާލި ހަމަލާވެސް އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މި މެޗުގެ 51 ވަނަ މިނެޓުގައި ޓީސީގެ އަހުމަދު މާއިޝް ރަޝީދު (މާއީ) ލަނޑު ޖެހި ނަމަވެސް ރެފުރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާަފައެވެ.
މި ނަތީޖާއާއެކު މާޒިޔާއަށް ސެމީގެ ފުރުސަތު ބޮޑުވިއިރު، މި ފަހަރުގެ މުބާރާތުގައި ހަ ޓީމުން ވާދަކުރާއިރު، ދެ ގްރޫޕަކަށް ވަނީ ބަހާލާފައެވެ. ކޮންމެ ގްރޫޕެއްގައި ހިމެނޭނީ ތިން ޓީމެވެ. މާޒިޔާ އޮތީ ޓީސީ އާއި ބުރު ސްޕޯޓްސް ކްލަބާ އެކު ދެ ވަނަ ގްރޫޕްގައެވެ. މި ގްރޫޕުގައި ޓީސީ އާއި ބުރު ސްޕޯޓްސް ކުޅޭ މެޗުން ޓީސީ ބަލިވެއްޖެ ނަމަ މާޒިޔާއަށް ސެމީގެ ފުރުސަތު ލިބޭނެއެވެ.