އަޚުންނޭވެ. ރަމަޟާން މަހު ރޯދަ ހިފުމަކީ އިސްލާމްދީނުގެ އެއް ރުކުނެވެ. އަދި އެއްޗެއްގެ މައްޗަށް އިސްލާމްދީން ބިނާވެގެންވާ އަސާސްތަކުގެ ތެރެއިން އެއް އަސާސެވެ.
ސޫރަތުލް ބަގަރާގެ 183 އިން 185 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
(يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴿١٨٣﴾ أَيَّامًا مَّعْدُودَاتٍ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۚ وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ ۖ فَمَن تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَّهُ ۚ وَأَن تَصُومُوا خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ ﴿١٨٤﴾ شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ ۖ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۗ يُرِيدُ اللَّـهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّـهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ ﴿١٨٥﴾ )
މާނައަކީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ. (ރޯދަހިފަންވީ) عدد ކަނޑައެޅިގެންވާ ދުވަސްތަކެއް ގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (رمضان މަހުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ. އަދި އުނދަގޫކަމާއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށްއޮތީ، (ރޯދަ ދޫކޮށްލުމާއެކު) فدية ދިނުމެވެ. (فدية ގެ މިންވަރަކީ) مسكين އަކަށް ކާންދޭ މިންވަރެވެ. ފަހެ، تطوّع ގެ ގޮތުން އިތުރު ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަންތައް އެމީހަކަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ތިޔަބައިމީހުން ދަންނާނެ ނަމައެވެ. رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި حاضر ވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ. اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. (މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ عدد ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّه އަށް تكبير ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) شكر ވެރި ވުމަށްޓަކައެވެ."
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
(بُنِيَ الْإِسْلَامُ عَلَى خَمْسٍ : شَهَادَةُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ ، وَإِقَامُ الصَّلَاةِ ، وَإِيتَاءُ الزَّكَاةِ ، وَصَوْمُ رَمَضَانَ ، وَحَجُّ الْبَيْتِ )
މާނައަކީ: "އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ. ﷲ މެނުވީ ޙައްގުވެގެން އަޅުކަން ވެވޭ އިލާހަކު ނުވާ ކަމަށާއި، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރަސޫލު ކަމަށް ހެކި ވުމާއި، ނަމާދު ގާއިމު ކުރުމާއި، ޒަކާތް ދިނުމާއި، ރަމަޟާން މަހު ރޯދަ ހިފުމާއި، ކުޅަދާނަކަން ލިބިގެންވާ މީހާ ކަޢްބަތުﷲ ގެފުޅަށް ގޮސް ޙައްޖު ވުމެވެ."
ރަމަޟާން މަހު ރޯދަ ހިފުމަކީ ފަރްޟެއް ކަމަށް މުޅި އުއްމަތްވަނީ އިޖްމާޢުވެފައެވެ. އެކަން އިންކާރުކޮށްފި މީހަކީ ދީނުން ބޭރުވެފައިވާ މީހެކެވެ. އެފަދަ މީހަކަށް ތައުބާ ލައިދޭން ޖެހޭނެއެވެ. ތައުބާ ނުވެއްޖެނަމަ މުރްތައްދުވީ މީޙެއްގެ ގޮތުން މަރުގެ އަދަބު އެމީހަކަށް ކުރިމަތިވާނެއެވެ. އަދި އެމީހަކު ހިނެވުމެއް، ކަފުން ކުރުމެއް، ކަށުނަމާދު ކުރުމެއް ނޯންނާނެއެވެ.
ރޯދަ ފަރްޟު ކުރެއްވުނީ ހިޖްރައިން ދެވަނަ އަހަރު އެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނުވަ އަހަރުވަންދެން ރޯދަ ހިއްޕެވިއެވެ.
ރޯދަ ފަރްޟު ކުރެއްވުނީ ދެމަރްޙަލާ އެއްގައެވެ.
ފުރަތަމަ މަރްޙަލާ: ރޯދަ ހިފުމާއި ކާން ދިނުމާއި ދެކަމުން ކުރެ ކަމެއް ކުރުމުގެ އިޚްތިޔާރު ދެއްވުން، އަދި ރޯދަ ހިފުން އެއީ އައުލާކަން ބޮޑު ގޮތް ކަމުގައި ލެއްވުން.
ދެވަނަ މަރްޙަލާ: އިޚްތިޔާރަކާއި ނުލައި ރޯދަ ހިފުން ފަރްޟު ކުރެއްވުން. މާތް ﷲ ރުއްސުންލެއްވި ސަލަމާ ބިން އަލްއަކްވަޢުގެ ކިބައިން ރިވާވެގެން ވެއެވެ.
(لَمَّا نَزَلَتْ وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ سورة البقرة آية 184 ، كان من أراد منا أن يفطر ويفتدي حتى نزلت الآية التي بعدها فنسختها )
މާނައަކީ: "ސޫރަތުލް ބަގަރާގެ 184 ވަނަ އާޔަތް (وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ) މާނައަކީ: "އަދި އުނދަގޫކަމާއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށްއޮތީ، (ރޯދަ ދޫކޮށްލުމާއެކު) فدية ދިނުމެވެ."
ބާވާލެއްވުމުން ރޯދަ ހިފަން ބޭނުން ނުވާ މީހުން ރޯދަ ދޫކޮށްލުމަށް ފަހުގައި ފިދްޔަ ދެމުން ގެންދިޔައެވެ. ނަމަވެސް އޭގެ ފަހުން އޮތް އާޔަތް ބާވާލެއްވުމުން އެކަން މަންސޫޚު ވެއްޖެއެވެ." އިޝާރާތް ކުރައްވަނީ (فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ ۖ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۗ ) މާނައަކީ: "ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި حاضر ވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ." މި އާޔަތް ބާވާލެއްވުމާއި އެކު އިޚްތިޔާރު ކެނޑި ރޯދަ ހިފުން ވާޖިބު ވެއްޖެއެވެ.
ރޯދަ ހިފުން ވާޖިބުވާނީ ރަމަޟާން މަސް ވަނުމުންނެވެ. ރަމަޟާން މަސް ވަންކަން ޝައްކުވާނަމަ ރޯދަ ހިފައިގެން ނުވާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (لَا تَقَدَّمُوا قَبْلَ رَمَضَانَ بِصَوْمِ يَوْمٍ أَوْ يَوْمَيْنِ , إِلَّا رَجُلًا كَانَ يَصُومُ صِيَامًا فَيَصِلُهُ بِهِ ) މާނައަކީ: "ރަމަޟާން މަހުގެ އެއް ދުވަސް ނުވަތަ ދެދުވަސް ކުރިން ރޯދަ ނުހިފާށެވެ. ނަމަވެސް ކުރިން ރޯދަތަކެއް ހިފާ އުޅޭ މީހެއްނަމަ ރަމަޟާން މަހާއި ގުޅުވާލައިގެން ރޯދަ ހިފާށެވެ."