ސަލާމަތީ ބާރުތަކުން ވަނީ ރޭ ރާއްޖޭގެ އެންމެ މަތީ ވެރިޔާ ރައީސް ޞާލިހު ހަވަރަށް ދީފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ރޭ ހުޅުމާލޭގައި ހުންނަ ޢުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވެވި ޖަލްސާ ނިންމާލުމަށް ރައީސުލްޖުމްހޫރިއްޔާ މުލިއާގެއަށް ވަޑައިގެންނެވުމަށް ދަތުރުކުރައްވަމުން ދަނިކޮށް ޕީޕީއެމްގެ މެމްބަރުންތަކެއް ވަނީ ބޮޑު ތަކުރުފާނުމަގު ޕީޕީއެމް އޮފީސް ސަރަހައްދުން ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގާފައެވެ.
މިކަން ހިނގަދިޔަ ގޮތް ބެލުމަށް 241 ކޮމެޓީއަށް ހުށަހެޅުމާއި ގުޅިގެން މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުން ވަނީ މިމައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ކޮމިޓީން ކުރަންޖެހޭ މަސައްކަތް ކުރުމަށް ނިންމާފައެވެ.
މިއަދުގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ ފުލުހުން އަދި އެމްއެންޑީއެފްއިން ފެއިލްވެފައިވާކަން ގަބޫލްކޮށް ކޮމިޓީއިން އިސްނަގައިގެން ރައީސް މޮޓޯކޭޑް ހުއްޓުވި މައްސަލަ ބެލުމަށް ނިންމުމުން އުފާކުރައްވާ ކަމަށެވެ. ކަމަކާ އަބަދުވެސް އުޅެނީ ކަމެއް ދިމާވުމުންކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވި ކޮމިޓީއިން މައްސަލަތަކުގައި ރިޕޯޓް ހެދުމަށް ފަހު ފޮލޯ އަޕް ބެލުމުގެ ބައި ވަރަށް ކުޑަ ކަމަށެވެ.
އާޒިމް ވިދާޅުވީ މި މައްސަލަ ބެލުމަށްފަހު އިހުމާލްވެފައިވާ ފަރާތްތަކާއި މެދުގައި ފަހަތަށް ނުޖެހި ފިޔަވަޅު އެޅުމަށް މިހާރުއްސުރެ ކޮމިޓީއިން ނިންމަން ޖެހޭ ކަމަށެވެ. މިއީ މުސްތަގުބަލަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސްގެ މޮޓޯކޭޑް އިދިކޮޅުންގެ ސަޕޯޓަރުންގެ ތެރޭގައި 15 މިނެޓް މަޑުކޮށްފައި އޮތްކަން ފާހަގަކުރަމުން އާޒިމް ވިދާޅުވީ އޭނާ ގަބޫލް ކުރައްވާ ގޮތުގައި ރޭގައި އެމްއެންޑިއެފްއިން ރައީސް އިދިކޮޅަށް ހަވަރަށް ދެއްވީ ކަމަށެވެ.
ވަރަށް ބިރުވެރިކަމެއް މިއީ. 15 މިނެޓް ހަވަރަށް ދީފައި އޮތީ ކުރާނެ ކަމެއް ކުރަން ބަޔަކަށް. އެހެންވީމަ މިކަހަލަ ކަންކަން ރިޕީޓްވުމުގެ ފުރުސަތު ބޮޑު ކަންކަން ނިންމާފައި ފިޔަވަޅު ނާޅާ ކަމުގައިވާނަމަ.
– އާޒިމް ވިދާޅުވިއެވެ.
މިބައްދަލުވުމުގައި މެމްބަރުންގެ ހުށަހެޅުންތަކަށްފަހު ކޮމެޓީގެ މުޤައްރިރު ނިންމީ މެމްބަރުން ހުށަހެޅުއްވި މައުލޫމާތުތައް ސަލާމަތީ ބާރުތަކުން ހޯދުމަށްފަހު ކޮމެޓީގެ ބައްދަލުވުމެއް ވީހާވެސް އަވަހަށް ބޭއްވުމަށެވެ. މިމައްސަލާގައި ސަލާމަތީ ބާރުތަކުން އަމަލުކޮށްފައިވާ ގޮތް ލިޔުމުން ހޯދުމަށްފަހު، ދެ މުއައްސަސާއާއި ވަކިން ބައްދަލު ކުރުމަށްވެސް ކޮމެޓީން ވަނީ ނިންމާފައެވެ.