ރޭ އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހައްޔަރުކުރި ކަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް މަޖިލީހަށް އަންގާފައިނުވާ ކަމަށް ބުނެ މަޖިލީހުގެ ރިޔާސަތުން ކަންބޮޑުވުންފާޅުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 52 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްގެން ނޫނީ، ތަހުގީގު ކުރިއަށް ގެންދެވެން ނެތް ހާލަތެއްގައި، މެންބަރަކު ބަންދުކުރަންޖެހިއްޖެ ހިނދެއްގައި، ބަންދުކުރާތާ ގިނަވެގެން އެއްގަޑިއިރު ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ނުވަތަ މަޖިލީހުގެ އަމީންއާންމަށް އަންގަންވާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި އީވާ ވަނީ މަޖިލީހުގެ ގަވާއިދު ފާހަގަކުރައްވާފައެވެ.
އީވާ ވިދާޅުވީ ރޭގެ ވަގުތެއްގައި ޝިޔާމު ހައްޔަރުކޮށްފައިވާ ކަމަށާއި މިކަމުގައި ފުލުހުން އަމަލުކޮށްފައިވަނީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށެވެ. މެންބަރަކު ހައްޔަރުކުރުމަށްފަހު އާންމު އުސޫލުން ފުލުހުން ކުރިން އަންގަމުންދިޔަ ކަމަށްވެސް އީވާ ވިދާޅުވި އެވެ.
މިފަހަރު ނައިފަރު ދާއިރާގެ އިއްޒަތްތެރި މެންބަރު ހައްޔަރުކުރުމަށްފަހު އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ ހަތަރު ގަޑިއިރު ވަރެއްގެ ތެރޭގައޭ ދޫކޮށްލީ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހަކަށް އަންގާފައެއް ނެތް.
– އީވާ ވިދާޅުވިއެވެ.
މަޖިލީހުގެ މެންބަރަކު ހައްޔަރުކޮށް އެކަން މަޖިލީހަށް ނޭންގުމުން އީވާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ނައިފަރު ދާއިރާގެ މެންބަރު ޝިޔާމު ހައްޔަރުކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް ހުރަސްއެޅުއްވުމުގެ ހަރަކާތް ރާވާ ހިންގުމުގައި އިސްކޮށް ހުންނެވި ކަމުގެ ތުހުމަތުގައެވެ.
ކޮމެންޓު ފޮނުވާ