ޔުއެފާ ޔޫރޮޕާ ލީގުން އާސެނަލް ކަޓުވާލުމަށްފަހު ކުއާޓާ ފައިނަލުން ސްޕޯޓިން ލިޒްބަން ޖާގަ ހޯދައިފިއެވެ.
މިމުބާރާތުގެ ކްއާޓަރ ފައިނަލުން ސްޕޯޓިންގ ޖާގަހޯދީ ގަދަ 16 ބުރުގައި އާސެނަލް އާއި ވާދަކޮށް 3 ލަނޑު 3ލަނޑުން ދެޓީމް އެގްރިގޭޓް ނަތީޖާއިން އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން ފަސްލަނޑު ތިންލަނޑުން ކުރި ހޯދައިގެންނެވެ.
މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ސްޕޯޓިންގގެ ދަނޑުގައި ނިމުނީ 2 ލަނޑު 2 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ. އަދި ރޭ އާސެނަލްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގް ނިމުނީ އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރު ވެގެންނެެވެ. ނަތީޖާއަކަށް ވެގެންދިޔައީ ނަތީޖާ ނެރުމަށްޓަކައި އިތުރު ވަގުތު ކުޅެ އަދި ޕެނަލްޓީ ޖަހަން ޖެހުމެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އާސެނަލްއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕޯޓިންގއެވެ. މިމެޗްގެ ފެށުން ސްޕޯޓިންގގެ ރަނގަޅު ވި ނަމަވެސް މިމެޗްގެ ލީޑު ނަގާފައިވަނީ އާސެނަލްއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ މެޗްގެ 19 ވަނަ މިނެޓްގައި ގްރަނިޓް ޜަކާއެވެ. މިމެޗްގައި ސްޕޯޓީންގއިން އެއްވަރު ކުރި ލަނޑު މެޗްގެ 62 ވަނަ މިނެޓްގައި ޖަހާދިނީ ޕެޑްރޯ ގޮންކަލްވޭސްއެވެ. މިއީ އޭނާ މެދު ރޮނގާ ކައިރީގައި ހުރެފައި އާސެނަލްގެ ގޯލަށް ފޮނުވާލި ބޯޅައެކެވެ. އާސެނަލްގެ ކީޕަރ އާރޮން ރަމްސްޑޭލްއަށް ތަންކޮޅެއް ކުރިއަށް އެރިފައިހުރުމުން އޭނާއަށް އެބޯޅަ މަތަވާގޮތެއްނުވިއެވެ.
މިމެޗްގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ. ނަމަވެސް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވުމުން ނަތީޖާ ނެރުމަށްޓަކައި ޖެހުނީ އިތުރު ވަގުތުގެ ދެހާފް ކުޅޭށެވެ. އިތުރު ވަގުތުގައިވެސް ލަނޑެއް ޖެހުމާއި ވަރަށް ގާތަށް އާސެނަލްއިންދިޔައެވެ. މިގޮތުން ލިއާންޑްރޯ ޓްރޮސާޑް ފޮނުވާލި ހަމަލާއެއްވަނީ ސްޕޯޓިންގގެ ގޯލް ދަނޑިއަށް އަމާޒުވެފައެވެ.
މިމެޗްގެ އިތުރު ވަގުތު ނިމެން ދެމިނެތަށް ވެފައިވަނިކޮށް ސްޕޯޓިންގގެ މަނުއެލް އުގާޓޭއަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑު ދައްކާފައެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ސްޕޯޓިންގ އިން ހުރިހާ ޕެނަލްޓިއެއް ކާމިޔާބު ކުރިއިރު އާސެނަލްއިން ޖެހި ޕެނަލްޓީ ތަކުގެ ތެރެއިން ގެބްރިއެލް މާޓިނެއްލީ ޖެހި ޕެނަލްޓީވަނީ ސްޕޯޓިންގގެ ކީޕަރ އަޑާން ދިފާއުކޮށްފައެވެ.
މިކާމިޔާބީއާއެކު ސްޕޯޓިންގ މިމުބާރާތުގެ ކްއާޓަރ ފައިނަލަށް ދަތުުރު ކުރި އިރު ބައްދަލުކުރާނެ ޓީމެއް އެނގިގެންދާނީ މިއަދު ބާއްވާ ގުރުއަތުލުމަށްފަހުއެވެ.