ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަކީ ރައީސް ޞާލިހަށް އޮތް ގޮނެްޖެހުމެއް ނޫންކަމަށާއި، ރައީސް ޞާލިހަށް އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން މިއުވާން ވިދާޅުވީ، މި ސަރުކާރު ކޯލިޝަންގައި ވެސް ހިމެނޭ ޖޭޕީން ކެންޑިޑޭޓެއް ނެރެފި ނަމަ ދެން ކުރިއަށްދާނެ ގޮތަކާ މެދު މާމިގިލީ ދާއިރާގެ މެމްބަރުކަން ކުރައްވާ ގާސިމް އަދި ޖޭޕީއާއެކު ވެސް ރައީސް މަޝްވަރާކުރައްވާނެ ކަމަށެވެ.
މިއުވާން ވިދާޅުވީ ރައީސަށް މުހިއްމީ ރައްޔިތުންނަށް ހިދުމަތްކުރުން ކަމަށާއި އެކަމަށް އެއްބާރުލުން ދޭ ބޭފުޅުންނާއެކު ކުރިއަށްދާނެ ކަމަށެވެ. އެކަމަކު، ސަރުކާރުގައި ތިބެގެން ރައީސްއާ ދެކޮޅަށް މަސައްކަތްކުރާ ނުވަތަ ވާދަވެރި ކެންޑިޑޭޓަކާ އެއްކޮށް ކުރިއަށް ދިއުމަށް ގޮންޖެހުންތަކެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅު ހައްދަވާ ބޭފުޅުންގެ އިތުރުން ސަރުކާރުގައި ތިއްބަވައިގެން ރައީސްއާއި ދެކޮޅަށް ނުވަތަ ރައީސްގެ ވާދަވެރި ކެންޑިޑޭޓަކަށް ތާއީދު ކުރާ ބޭފުޅުންނާއި އެކު ސަރުކާރު ހިންގުން ދަތި ވާނެ ކަން މިއުވާން ވަނީ ފާހަގަކުރައްވާފައެވެ.
ރައީސަށް ޗެލެންޖެއް ނޫން އެއީ ގާސިމް ކުރިމަތިލެއްވުމަކީ. ރައީސަށް މިހާރު އެ އޮތް ކޯލިޝަނާއެކު، ރައީސާއެކު ކުރިއަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުންނާއެކު އިންތިހާބު ކާމިޔާބުކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް.
– މިއުވާން ވިދާޅުވިއެވެ.
ޖޭޕީން ވަނީ ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިއަދު ހުޅުވާލާފައެވެ. ޖުމްހޫރީ ޕާޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލާނެ ކެނޑިޑޭޓަކު ކަނޑައަޅާނީ ޕާޓީގެ ހުރިހާ މެމްބަރުންނަށް އާންމުކޮށް ހުޅުވާލައިގެން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީ އަކުން ކަމަށެވެ.
އެގޮތުން ޖޭޕީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމަށްޓަކައި އެޕާޓީގެ ފަރާތުން ކުރިމަތިލުމަށް ޝައުގުވެރިވާ މެމްބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަންވާނެ ކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ މެމްބަރުންނަށް މިމަހުގެ 30ގެ ނިޔަލަށް ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައިކަމަށް އިއުލާންގައިވެއެވެ.
ޖުމްހޫރީ ޕާޓީއާއިއެކު ކޯލިޝަން ހެދުމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. ޖޭޕީން ވަކިން ވާދަކުރަން ނިންމުން ސަރުކާރު ހިންގާ އެމްޑީޕީގެ ބައެއް މެމްބަރުން ދަނީ ސަރުކާރުގެ އެކި މަޤާމުތަކުގައި ތިބި ޖުމްހޫރީ ޕާޓީގެ މެމްބަރުން ވަކިކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް ޤާސިމް ވިދާޅުވީ ދައުރު ނިމުމުގެ ކުރިން އެއްވެސް ބޭފުޅަކު ވަކިވާން ޖެހޭނަމަ ރައީސް ޞާލިހުވެސް ޖެހޭނީ އިސްތިއުފާ ދޭންކަމަށެވެ.