އަންނަ މަހުން ފެށިގެން ކުނި ނަގަމުން ދާނީ އިމާރާތުގެ އެންމެ ތިރިން

އަންނަ މަހުން ފެށިގެން ކުނި ނަގަމުން ދާނީ އިމާރާތުގެ އެންމެ ތިރިން

އެޕްރީލު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުނި ނަގަމުން ދާނީ އިމާރާތްތަކުގެ އެންމެ ތިރިން ކަމަށް ވެމްކޯއިން ބުނެފިއެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވި ގޮތުގައި އަންނަ މަހުން ފެށިގެން ކުނި ނަގަމުން ދާނީ އިމާރާތުގެ އެންމެ ތިރިން ކަމަށާއި ޑޯ ސްޓެޕްއިން ކުނި ނުނަގާނެ ކަމުގައެވެ.

ސިރާޖް ވިދާޅުވެފައިވަނީ މި އަންނަ އެޕްރީލު މަހުން ފެށިގެން ވެމްކޯއިން ދެމުންދާ ހިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ނަގަމުން ދާނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ބިލުގައި ހިމަނައިގެން ކަމަށެވެ. މަވެސް އެޚިދުމަތަށް ނަގާނެ އަގުތަކެއް އަދި ކަނޑައަޅާފައި ނުވާކަމަށާއި އަގުތައް ކަނޑައެޅުމަށް މަޝްވަރާ ކުރަމުން އަންނަކަމަށެވެ. ވެމްކޯއިން ކޮންމެ ގޭބިސީއަކުން މިހާރު ނަގަމުން އަންނަނީ 150 ރުފިޔާއެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން ވަނީ އަންނަ މަހުން ފެށިގެން ކުނި ބިލު ކަރަންޓް ބިލުގައި ހިމެނުމަށް ނިންމާފައެވެ. ކުނި ބިލު ސްޓެލްކޯގެ ކަރަންޓް ބިލުގައި ހިމެނުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރ ޔޫސުފް ސިރާޖް ވިދާޅުވީ ވެމްކޯއަށް ލިބެންޖެހޭ އާމްދަނީގެ ބޮޑު ބައެއް ނުލިބިވާކަމަށެވެ. އެހެންނަމަވެސް މި ގެނައި ބަދަލާއެކު ބިލަށް ފައިސާ ހޯދުމުގައި މިހާރު ދިމާވަމުންދާ ދަތިތައް ހައްލުވާނެ ކަމަށް ސިރާޖް ވިދާޅުވިއެވެ. ސިރާޖް ވިދާޅުވީ އަންނަ މަހުން ފެށިގެން ސްޓެލްކޯ ބިލުގެ ތެރޭގައި ކުނި ބިލު ހިމަނާއިރު ސްޓެލްކޯގައި ރަޖިސްޓްރީކޮށްފައިވާ 50،000 އަށް ވުރެ ގިނަ ގޭބިސީއަށް ކުނި ބިލް ފޮނުވާނެކަމަށެވެ. މިހާރު ވެމްކޯގައި ރަޖިސްޓްރީކޮށްފައިވަނީ 24،000 ގޭބީސީއެކެވެ. ސިރާޖު ވިދާޅުވީ މިކަމާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލާނެ ކަމަށެވެ.

ވެމްކޯއިން ވަނީ އެކުންފުނިން ގެންގުޅޭ ފީ ސްޓްރަކްޗަރަށްވެސް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކޭޝް ފްލޯ މެނޭޖުކުރެވޭގޮތަށް ބަލައި ކުރިން ސަރުކާރު ކުންފުނިތަކުން ކުނި އުކައިދިނުމަށް ނަގާ އަގުތަކާއި ޕްރައިވެޓް ކަލެކްޓާސްގެ އަތުން ނަގާ އަގަށް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޓަނަކަށް 2560 ރުފިޔާ ނެގުމަށް ވަނީ ނިންމާފައެވެ.

އަދި ޕްރައިވެޓް ކޮމާޝަލް ކަލެކްޓާސްގެ ފަރާތުން ޓަނަކަށް 2660 ރުފިޔާ ދައްކަންޖެހެއެވެ. މީގެ އިތުރަށް އަމއްިލަ ފަރާތްތަކުން ޓްރާންސްފަރ ސްޓޭޝަނަށް ގެންނަ ކުންޏަށް ޓަނަކަށް 1060 ރުފިޔާ ނަގާ ގޮތަށްވަނީ ހަމަޖެހިފައެވެ. އަދި ކުނި ވަކި ނުކޮށް ގެންނަ ފާރާތްތަކުން 1000 ރުފިޔާ ނަގާގޮތަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *