1444ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ބޭނުންވާ ފަރާތްތަކަށް އެކަމުގެ ޕްރޮޕޯސަލް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އެމިނިސްޓްރީން ވިދާޅުވީ ހައްޖަށް މީހުން ގެންދިއުމަށް ޕްރޮޕޯސަލް ހުށަހެޅޭނީ މިދިޔަ އަހަރުގެ މެއި މަހުގެ 18ވަނަ ދުވަހު ގެޒެޓް ކޮށްފައިވާ "ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލު"ގައި ބުނެފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކަށްކަމަށެވެ.
މި ޝަރުޠުތަކަށް ބަލާއިރު، ރާއްޖެއިން މީހުން ޙައްޖަށް ގެންދެވޭނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށެވެ. އަދި އެއީ ޙައްޖަށް މީހުން ގެންދިޔުމުގެ ޚިދުމަތްދިނުމަށް ޚާއްސަކޮށް އުފައްދާފައިވާ ކުންފުންޏަކަށް ވާންޖެހެއެވެ. އަދި ސައްތައިންސައްތަ ދިވެހިންގެ ކުންފުންޏަކަށް ވާންޖެހެއެވެ. މީގެއިތުރުން އެކުންފުންޏަކީ ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ލިބިފައިވާ އަދި ޢުމްރާއަށް މީހުން ގެންދިއުމުގެ 2 އަހަރުދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ ކުންފުންޏަކަށް ވާންޖެހެއެވެ.
އަދި ޓެކުހެއް، ނުވަތަ ފީއެއް، ނުވަތަ އަގެއް، ނުވަތަ ކުއްޔެއް، ނުވަތަ ރޯޔަލްޓީއެއް، ނުވަތަ ސާބިތު ދަރަންޏެއް، ނުވަތަ ޖޫރިމަނާއެއް، ޙައްޖު ޕްރޮޕޯސަލް ހުށަހެޅުމާ ހަމަޔަށް ދައްކަންޖެހިފައިވާ ކުންފުންޏަކަށް ވެގެން ނުވާނެ ކަމަށްވެސް މިއުސޫލްގައި ވެއެވެ.
ހައްޖު ޕްރޮޕޯސަލްތަކުގެ ޕްރީ-ބިޑް މީޓިންގ އޮންނާނީ އަންނަ މަރޗް މަހުގެ 02ވަނަ ދުވަހުގެ ހެނދުނު 10:00ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މީޓިންގ ރޫމް 1 ގައިކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަރޗް މަހުގެ 14 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
ކޮމެންޓު ފޮނުވާ