ކޯވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ ފަތުތުވެރިކަން އަލުން ހުޅުވާލާއިރު މިއީ ފަތުވެރިން ގެނައުމަށް އައު އުކުޅުތައް ތަޤާރަފް ކުރަންވީ ވަގުތު ކަމުގައި ޓުވަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ދަ ސްޓޭންޑިންގ ކޮމިޓީ ފޯރ އިކޮނޮމިކް އެންޑް ކޮމާޝަލް ކޯޕަރޭޝަން އޮފް ދަ އޯގަނައިޒޭޝަން ފޯރ އިސްލާމިކް ކޯޕަރޭޝަން (ކޮމްސެކް)ގެ 36 ވަނަ ބައްދަލުވުމުގައި ތަޤުރީރުކުރައްވައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޑރ. މަޢުޞޫމް ވިދާޅުވީ ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކާއި ލިބެމުންދާ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުވާލައްވާ، މިއީ ފަތުރުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން ފުރުޞަތުތައް ހޯދާ ފަތުރުވެރިކަމުގެ ވިޔަފާރީގެ އައު އުކުޅުތައް ތަޢާރަފް ކުރަންވީ ވަގުތު ކަމުގައެވެ. މީގެއިތުރުން ރާއްޖޭގެ ޓޫރިޒަމް ކުރިއަށް ގެންދިއުމުގައި ސަގާފީ ޓޫރިޒަމް އާއި ހަލާލް ޓޫރިޒަމް ފުޅާކުރުމަށް މަސައްކަތްކުރަމުންދާކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ހޯދަމުންދާ ކާމިޔާބުގެ ސިއްރަކީ އިންޑަސްޓްރީގެ ބައިވެރިންގެ މިންނަތް މަސައްކަތްކަމުގައި ފާހަގަ ކުރައްވާ އެފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ.
މިމަހުގެ 25 އިން 26 ވަރޗުއަލްކޮށް ބޭއްވި މި ބައްދަލުވުން ހުޅުވާ ދެއްވީ ކޮމްސެކް ގެ ޗެއަރމަން، ތުރުކީގެ ރައީސް ހިޒް އެކްސެލަންސީ ރަޖަބް ތައްޔިބު އުރުދުޣާންއެވެ.
ކޮމްސެކް އަކީ އޯގަނައިޒޭޝަން ފޯރ އިސްލާމިކް ކޯރޕަރޭޝަން (އޯ.އައި.ސީ.) ގައި ހިމެނޭ 4 ދާއިމީ ކޮމިޓީގެ ތެރެއިން އެއް ކޮމިޓީއެވެ. ކޮމްސެކްގެ މެންބަރު ޤައުމުތަކުގެ ގޮތުގައި 57 ޤައުމުއޮވެއެވެ. މި ބައްދަލުވުމުގައި އޯ.އައި.ސީ. ގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަޙްމަދު އަލް އޮތައިމީން އާއި މެންބަރު ޤައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުންނާއި ބައެއް އިންޓަރނޭޝަނަލް އޯގަނައިޒޭޝަންގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓު ފޮނުވާ