ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި ރައީސް މައުމޫނާއި، ރައީސް ނަޝީދު އަދާކުރެއްވި ދައުރަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ތައުރީފް ކުރައްވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ޤައުމީ ކޮންފަރެންސް އިފްތިތާހު ކޮށްދެއްވުމށްފަހު ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވި ބޭފުޅުންނަކީ ރައީސް ނަޝީދާއި، އެމަނިކުފާނުކަމަށެވެ. މިމަސައްކަތް ފަހިކޮށް ފެހި ޤާނޫނު އަސާސީއަކާއިއެކު ރާއްޖެއަށް ޑޮމޮކްރަސީ ގެނައުމުގެ އެންމެ ބޮޑު އެއްބާރުލުމެއް ދެއްވި އެއްބޭފުޅަކީ އޭރުގެ ރައީސް މައުމޫންކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ރައީސް މައުމޫން ޤައުމަށް ކޮށްދެއްވި ޚިދުމަތްތަކަކީ ރައްޔިތުންނަށް އެކަމުން މަންފާއާއި ލާބަ ލިބިގެން ދިޔަ ކަމެއްކަމަށެވެ. ޤާސިމްވަނީ ރައީސް މައުމޫންގެ ޚިދުމަތްތަކަށް ތައުރީފް ކުރައްވާފައެވެ. އަދި ނިމިދިޔަ ވެރިކަމުގައި ސިޔާސީ ގޮތުން ލިބުނު އަނިޔާތަކުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ލިބުނު އެހީތެރިކަމަށް ޤާސިމް ވަނީ ރައީސް ނަޝީދަށް ޝުކުރު އަދާކޮށްފައެވެ. އެގޮތުން ޖަރުމަނާއި، ސިންގަޕޫރުގައި ބޭސްފަރުވާއަށް ގިނަ ދުވަސްތަކެއް ވަންދެން ހުރެވޭނެ މަގު ފަހިކޮށްދިނީ ނަޝީދުގެ އެހީއާއިއެކު ކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ކޮންމެ ސަރުކާރެއްވެސް އުފެދިގެން އަންނައިރު ޖުމްހޫރީ ޕާޓީ ވަރެއް ނެތިގެން އުޅޭކަމަށެވެ. ނަމަވެސް ވެރިކަމަށް އައުމަކަށްފަހު ކުރެވޭ މަސައްކަތާއި، ހާސިލް ކުރެވޭ އެއްވެސް ކާމިޔާބީއެއްގައި ޖޭޕީގެ އެއްވެސް ދައުރެއް ނޯންނަކަމަށެވެ. މިއަދުވެސް ފެނިގެންދަނީ އެހަގީގަތްކަން ފާހަގަކޮށް ޤާސިމް ވަނީ މިހާރު އޮތް ވެރިކަމުގެ ތެރެއިންވެސް ކަންކަން ހިނގަނީ އެމަގުންކަމަށް ވިދާޅުވެފައެވެ.
ޤާސިމް ވިދާޅުވީ ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ކޮންމެ މީހަކަވެސް ހުޅުވާލެވިފައިވާ ޕާޓީއެއްކަމަށެވެ. ކޮންމެ މީހަކަވެސް ޖޭޕީއާއިއެކު މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެކަމަށެވެ.
ކޮމެންޓު ފޮނުވާ