ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއަކީ ކިންގް މޭކާ ކަމަށާއި، މިފަހަރުވެސް އަދި މިވީހާ ތަނަށްވެސް ނަންގަވާފައިވަނީ ރައްޔިތުންގެ ފަޅި ކަމަށް ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.
މާދަމާ ފަށާ ޖުމްހޫރީ ޕާޓީގެ ޤައުމީ ކޮންގްރެސްއާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް އެޕާޓީން ދަރުބާރު ގޭގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުވެސް ފުރުއްވާ ޢަލީ ޢާރިފް ވިދާޅުވީ، ޤާސިމް އިބްރާހީމް ރިޔާސީ އިންތިޚާބުގައި އެއްވެސް ސިޔާސީ ޕާޓީއަކާއެކު ކުރިއަށްދާން ނިންމައިފިނަމަ އެގޮތަށް ކުރިއަށްދާނެކަމަށެވެ. ނުވަތަ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފިނަމަ އެގޮތަށްވެސް ތާޢިދުކުރައްވާނެކަމަށް ޢަލީ ޢާރިފް ވިދާޅުވިއެވެ.
ޤާސިމް އަކީ މިހާތަނަށްވެސް ސިޔާސީ ކަންކަމުގައި ކިންގް މޭކާ ކަމަށާއި، މިފަހަރުވެސް އެކަންވާނީ އެހެންކަމަށެވެ. ޤާސިމް މިފަހަރުވެސް ނިންމަވާ ކޮންމެ ނިންމުމެއް ނިންމަވާނީ ރައްޔިތުންގެ ފަޅި އިސްކުރައްވައިގެން ކަމަށް އަލީ އާރިފް ވިދާޅުވިއެވެ.
ގައުމީ ޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހަޅާ އިސްލާހުތަކާއިމެދުވެސް ގޮތްތަކެއް ނިންމިގެންދާނެކަމަށް ޢަލީ ޢާރިފް ވިދާޅުވިއެވެ. އެގޮތުން އެޕާޓީގެ ރައީސްއާއި ނާއިބު ރައީސް އަދި ލީޑަރުގެ މަޤާމާއި ނާއިބު ލީޑަރުންނާއި އެނޫންވެސް އިސް މަޤާމުތަކަށް މެންބަރުން އިންތިޚާބުކުރުން ކުރިއަށްދާނެކަމަށް ޢަލީ ޢާރިފް ވިދާޅުވިއެވެ. ޖޭޕީގެ ޤައުމީ ކޮންގްރެސްގައި 900 އަށްވުރެ ގިނަ މީހުން ބައިވެރިވާނެކަމަށްވެސް ޖުމްހޫރީ ޕާޓީން ބުނެއެވެ.
މިބައްދަލުވުމުގައި ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވީ ޕާޓީގެ ޤައުމީ ޖަލްސާގައި ޖޭޕީން ނިކުންނާނީ ވަކިންތޯ ނޫނީ ކޯލިޝަނެއްގެ ތެރެއިން ތޯ ބެލުމަށް ހުށަހަހެޅިފައިވާ ޤަރާރަށް ބަހުސް ކުރުމަށް އެޖެންޑާ ކުރެވިފައިވާކަމަށެވެ. މިބަހުސް ކުރިއަށްދާއިރު ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއެވެ.
އޭނާ ވިދާޅުވީ މި ޤަރާރަށް ބަހުސް ކުރުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ކަމަށެވެ. އަދި ބަހުސްއަށްފަހު އެދުވަހު މިޤަރާރަށް ވޯޓަށް އެހިގެންދާނެކަމަށެވެ.
ކޮމެންޓު ފޮނުވާ