ބޮޑާ ނަހާކައި ރީތި ގޮތަކީ ޕާޓީގެ އިސް މަޤާމުތަކުން އަވަހަށް އަމިއްލައަށް އެއްފަރާތްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ދިނުމަށް ރޭ ބޭއްވި ޖަލްސާއަށް އެމްޑީޕީގެ ރައީސާއި، ނައިބް ރައީސްވެސް ހާޒިރުވުމުން އެކަމަށް ފާޑު ވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ. އިއްސެ އަކީ މީގެ ކުރިންވެސް ރައީސް ނަޝީދަށް އަމާޒުކޮށް ބަހުގެ ހަމަލާތަަކެއް ދެއްވާފައިވާ މެމްބަރެކެވެ.
އިއްސެ ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާދާއި އެއްގޮތަށް މެމްބަރުން ނިންމި ނިންމުމަކާއި ދެކޮޅު ހަދައި ބޮޑާ ހޭކުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށެވެ. އާންމު މެމްބަރުންގެ ނިންމުން ބޮލާލައި ޖަހާލައި އެމްޑީޕީން ހިންގާ ހަރަކާތްތަކުގައި ބައިވެރި ނުވެ ބޮޑާ ހޭކުމަކީ ލަދުވެތި ކަމެއްކަމަށް އިއްސެ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެންމެ ރީތި ގޮތަކީ މަޤާމުތަކުން އަމިއްލައަށް އެއްފަރާތްވުން ކަމަށެވެ.
އަސާސީގަވާއިދު ލާޒިމްކުރާ ނިންމުމެއް އާއްމު މެމްބަރުން ނިކުމެ ވަކިގޮތަކަށް ނިންމާ، އެނިންމުމާއި ގުޅިގެން ޕާޓީން އިންތިޒާމްކުރާ ހަރަކާތްތަކުގައި ބައިވެރިނުވެ، ބޮޑާހާކާ މީހުން ޕާޓީގެ އިސްމަގާމުތަކުގައި ތިބުމަކީ ލަދުވެތިކަމެއް. ރީތި ގޮތަކީ އަވަހަށް އަމިއްލައަށް އެއްފަރާތްވުން!
– އިއްސެ ވިދާޅުވިއެވެ.
އަސާސީގަވާއިދު ލާޒިމްކުރާ ނިންމުމެއް އާއްމު މެމްބަރުން ނިކުމެ ވަކިގޮތަކަށް ނިންމާ، އެނިންމުމާއި ގުޅިގެން ޕާޓީން އިންތިޒާމްކުރާ ހަރަކާތްތަކުގައި ބައިވެރިނުވެ، ބޮޑާހާކާ މީހުން ޕާޓީގެ އިސްމަގާމުތަކުގައި ތިބުމަކީ ލަދުވެތިކަމެއް🤦♂️
ރީތި ގޮތަކީ އަވަހަށް އަމިއްލައަށް އެއްފަރާތްވުން! pic.twitter.com/zyuEZQOGwy— Ismail Ahmed (@N4Isse11) February 18, 2023
އަންނަ ރިޔާސީ އިންތިޚާބުގެ ރިޔާސީ ޓިކެޓް ރައީސަށް ރޭ އެރުވީ އެކަމަށްޓަކައި މާލޭގައި ބޭއްވި ޖަލްސާއެއްގައެވެ. ޓިކެޓް އެމަނިކުފާނާ ހަވާލުކޮށް ދެއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ. މި ޖަލްސާގައި ރައީސް ނަޝީދާއި އެމްޑީޕީގެ ނައިބް ރައީސް ޝިފާޒާއި އެނޫންވެސް ނަޝީދަށް ތާއީދު ކުރާ މަޖިލިސް މެމްބަރުންނާއި އާންމު މެމްބަރުންވެސް ބައިވެރިވެފައި ނުވެއެވެ.
ރިޔާސީ ޓިކެޓް ރައީސް ކާމިޔާބު ކުރެއްވީ ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވާދަ ކުރައްވައި 62 ޕަސެންޓް ވޯޓުންނެވެ. އަދި އިންތިޚާބުގައި ކޯލިޝަން ހެދުމަށް މަސައްކަތް ކުރެއްވުމުގެ ހުއްދަ ވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން ރައީސަށް މިހާރު ވަނީ ދެއްވައިފައެވެ.
ނަޝީދުގެ ފަރާތްޕުޅުން ބަލި ގަބޫލުކުރަން ދެކޮޅު ހައްދަވައި ފިކުރެއްގެ ދިރުންގެ ނަމުގައި އާ ހަރަކާތެއް އިއުލާންކޮށް މެމްބަރުން ހޯދަން ދަނީ މަސައްކަތް ކުރައްވަމުންނެވެ. ރިޔާސީ ޓިކެޓް ރައީސަށް އަރުވަން ގާތްވެފައި ވަނިކޮށް، ނަޝީދަށް ތާއީދު ކުރައްވާ ބައެއް ބޭފުޅުން ވަނީ ޕްރައިމަރީ ބާތިލްކުރަން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. އެ މައްސަލައާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ.