ރަޝިއާގެ ސީނިއަރ ޑިފެންސް އޮފިޝަލަކު އުސް އިމާރާތަކުން ވެއްޓި މަރުވެފައި އޮއްވާ ފެނިއްޖެ

ރަޝިއާގެ ސީނިއަރ ޑިފެންސް އޮފިޝަލަކު އުސް އިމާރާތަކުން ވެއްޓި މަރުވެފައި އޮއްވާ ފެނިއްޖެ

Author
ހުސެއިން
18 ފެބްރުއަރީ 2023 09:28
0

ރަޝިއާގެ ސީނިއަރ ޑިފެންސް އޮފިޝަލެއް ކަމުގައިވާ މަރީނާ ޔަންކިނާ، 16 ބުރީގެ އުސް އިމާރާތަކުން ވެއްޓި މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އޭނާ ވެއްޓިފައިވަނީ މި އިމާރާތުގެ 16 ވަނަ ފަންގިފިލާގެ ކުޑަ ދޮރަކުންނެވެ.

ދަ އިންޑެޕެންޑެންޓް ނޫހުން ހުކުރު ދުވަހު ރިޕޯޓު ކޮށްފައިވާ ގޮތުގައި، މަރީނާ ޔަންކިނާގެ ހަށިގަޑު އިމާރާތުގެ މަތިން ވެއްޓި، މަރުވެފައި އޮއްވާ ފެނިފައިވަނީ ރަޝިއާގެ ސެއިންޓް ޕީޓާރސްބާގްގެ ރަށް ބޭރުގައި ހުރި އިމާރާތެއްގެ ކައިރީ ޕޭވްމަންޓްގައި އޮއްވައެވެ.

ރަޝިއާގެ ސީނިއަރ ޑިފެންސް އޮފިޝަލެއް ކަމުގައިވާ މަރީނާ ޔަންކިނާއަކީ އެގައުމުގެ އަސްކަރިއްޔާގައި ހިމެނޭ 5 ޖޯގްރަފިކަލް ބެޓޭލިއަންގެ ތެރެއިން ވެސްޓަރން މިލިޓަރީ ޑިސްޓްރިކްޓްގެ ފައިނޭންސް ޑިރެކްޓަރެވެ.

މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މަރީނާ ޔަންކިނާއަކީ، މިހާރު ކުރިޔަށްދާ ޔޫކުރެއިން ހަގުރާމައަށް ބޭނުންވާ ފަންޑު ހޯދާދިނުމުގައި މުހިންމު ރޯލެއް އަދާކޮށްފައިވާ ފަރާތެކެވެ.

ރަޝިއާގެ އަސްކަރިއްޔާގެ ވެސްޓަރން މިލިޓަރީ ޑިސްޓްރިކްޓުން ވަނީ އެ މުވައްސަސާގެ މުވައްޒަފަކު މަރުވެފައިވާކަން ދަ އިންޑެޕެންޑެންޓް ނޫހަށް ޔަގީން ކޮށްދީފައެވެ. އެހެންނަމަވެސް އޭނާ މަރާއި ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަން އިންކާރު ކޮށްފައި ވެއެވެ.

މަރީނާ ޔަންކިނާއަކީ 16 ބުރީގެ މި އިމާރާތުގައި ދިރިއުޅެމުންދިޔަ ފަރާތެއްކަންވެސް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.

މަރީނާ ޔަންކިނާއަކީ، އަމިއްލައަށް ކަމަށް ބެލެވޭގޮތަށް، މިހަފްތާގައި މަރުވި، ރަޝިއާގެ އަސްކަރިއްޔާގެ ދެވަނަ އިސް އޮފިޝަލެވެ.

ރަޝިއާގެ އަސްކަރިއްޔާގެ "މެއިން ޑިރެކްޓޮރޭޓް ފޯރ ކޮމްބެޓިންގ އެކްސްޓްރީމިޒަމް"ގެ މޭޖަރ ޖެނެރަލް ލާޑިމިރު މަކަރޯވްވަނީ ފާއިތުވެދިޔަ ހަފްތާގެ ހޯމަދުވަހު އަމިއްލަ ގަޔަށް ބަޑިޖަހާ މަރުވެފައެވެ. އޭނާ އަމިއްލައަށް މަރުވެފައިވަނީ، ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިން އޭނާ މާގާމުން ދުރުކުރިތާ އެއްމަސް ފަހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.