ދައުލަތަށް ޚިދުމަތް ކޮށްފައިވާ، ރެކޯޑް ގެއްލިފައިވާ ފަރާތްތަކަށްވެސް ގައުމީ ޚިދުމަތުގެ އިނާމް ދެނީ

ދައުލަތަށް ޚިދުމަތް ކޮށްފައިވާ، ރެކޯޑް ގެއްލިފައިވާ ފަރާތްތަކަށްވެސް ގައުމީ ޚިދުމަތުގެ އިނާމް ދެނީ

ގުޅުންހުރި

ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ބައެއް ފަރާތްތަކުގެ ޚިދުމަތުގެ ރެކޯޑް ގެއްލިފައިވާ ކަމަށާއި، އެހެންނަމަވެސް އެފަރާތްތަކުގެ ޚިދުމަތްތައްވެސް ހޯދާބަލާ، އެފަރާތްތަކަށްވެސް ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްތައް ކުރުމުގެ އިނާމް ދެއްވާނެކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް 2022 ވަނަ އަހަރު ނަން ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން އިނާމު ދެއްވުމަށް ކަނޑައެޅުއްވި ބޭފުޅުންނަށް އިނާމު ދެއްވުމަށް ރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސާލިހު ވިދާޅުވީ ރޭގެ ޖަލްސާއާ އެކީގައި މިހާތަނަށް 309 ބޭފުޅަކަށް މި ޝަރަފު އެރުވިއްޖެ ކަމަށާއި، އެހެން ނަމަވެސް، ދައުލަތަށް ވަރަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ބޭފުޅުން އަދިވެސް އެބަ ތިއްބެވި. 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ތެރެއިން، މި ޝަރަފު ނޭރުވޭ ކިތައް ބޭފުޅުން އެބަ ތިއްބެވިތޯ ވަރަށް ފަހުން އެމަނިކްފާނު ބެއްލެވިކަަމަށް ވިދާޅުވަމުން، އެ ޢަދަދު 70 އާ ގާތްކުރާމަށް ރައީސް ވިދާޅުވިއެވެ.

މިގޮތުން އެބޭފުޅުންގެ ނަން، އިނާމަށް ހުށަހެޅުއްވުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ، ބައެއް ބޭފުޅުންގެ އަތްޕުޅުގައި ޚިދުމަތާބެހޭ ރެކޯޑުތައް ނެތުންމާއި، އަދި އޭގެ ތެރެއިން ގިނަ ބޭފުޅުން ޚިދުމަތް ކުރައްވަން ފެށްޓެވީ މީގެ އެތައް އަހަރެއް ކުރިން ކަމަށްވާތީކަމަށް ރައީސް ވދާޅުވިއެވެ.

އަދި މިދިޔަ އަހަރުތަކުގައި ސަރުކާރުގެ ވަރަށް ގިނަ އޮފީސްތަކެއް އުވައިވެސްލެވިއްޖެ ކަމަށާއި، އެފަދަ ބައެއް އޮފީސްތައް އުވައިލެވިގެން ދިޔައިރު، އެ ބޭފުޅުން ކުރެއްވި މަސައްކަތްތަކުގެ މަޢުލޫމާތު ފަސޭހައިން ލިބޭނެ ގޮތެއްވެސް ނެތްކަންވެސް ރައީސް ސާލިހު ފާހަގަ ކުރެއްވިއެވެ.

ރައީސް ސާލިހު ވިދާޅުވީ، އެ ބޭފުޅުންގެ ނަން، އިނާމަށް ހުށަހެޅުއްވުމުގައި، ދައުލަތުގެ މުއައްސަސާތަކަށްވެސް ވަރަށް ގިނަ ދަތިތައް އެބަ ކުރިމަތިވަމުން ދާކަމަށެވެ. އަދި ބައެއް ބޭފުޅުން އަމިއްލަފުޅަށް އިނާމަށް ނަން ހުށަހެޅުއްވުމަށް ބޭނުންފުޅު ނުވުމަކީވެސް، އެމަނިކްފާނާއި ހަމައަށް އަދި ޤައުމީ އިނާމު ކޮމިޓީއާ ހިސާބަށްވެސް ހުށަހެޅޭ މައްސަލައެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އެހެންވިޔަސް، އެފަދަ ބޭފުޅުންނަށްވެސް އަދި ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައި ވަކިވެވަޑައިގެންފައިވާ އެހެން ބޭފުޅުންނަށްވެސް، މި ޝަރަފު އަރުވަންޖެހޭ ކަމަށް އަޅުގަނޑު ދެކެން. އެކަން ފެށުމުގެ ގޮތުން، އަޅުގަނޑު މިހާރު ޤަޞްދުކުރަނީ، 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައި ވަކިވެވަޑައިގެންފައިވާ ބޭފުޅުންގެ ރެކޯޑުތައް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯދުމަށްފަހު، ޤައުމީ އިނާމާ ބެހޭ ކޮމިޓީއަށް ހުށަހަޅައިގެން، އެކަން ކުރިއަށް ގެންދަން. މިގޮތަށް ހުށަހެޅޭ ބޭފުޅުންނާވެސް ކޮމިޓީން ބައްދަލުކުރައްވައި، އިތުރު މަޢުލޫމާތު ހޯއްދަވާނެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވިއެވެ.

ރޭގެ ޖަލްއާއެކީ މިހާތަނަށް 309 ބޭފުޅަކަށް، ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރުމުގެ ޝަރަފްވަނީ އެރުވިފައެވެ. ރޭ ރައީސް ސާލިހުވަނީ ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި 86 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ