ސިޓީ ކައުންސިލާއި އުޔޫން އިންސްޓިޓިއުޓް ގުޅިގެން މާލޭގައި ހިލޭ ސާބަހަށް ޤުރުއާން ހިތުދަސްކޮށްދޭން ފަށަނީ

ސިޓީ ކައުންސިލާއި އުޔޫން އިންސްޓިޓިއުޓް ގުޅިގެން މާލޭގައި ހިލޭ ސާބަހަށް ޤުރުއާން ހިތުދަސްކޮށްދޭން ފަށަނީ

Author
ހުސެއިން
12 ފެބްރުއަރީ 2023 05:04
0

މިސްކިތްތަކުގައި ހިލޭ ސާބަހަށް ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގުމަށް އުޔޫން އިންސްޓިޓިއުޓް އާއި މާލެ ސިޓީ ކައުންސިލާއިއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ހާމަ ކޮށްފައިވާ ގޮތުގައި، މި ފަހުމްނާމާއަކީ މާލޭ ސިޓީގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ތެރެއިން 18 އަހަރުން ދަށުގެ ކުޑަ ކުދިންގެ ތެރެއިން ޤުރުއާން ހިތުދަސްކުރުމަށް ބޭނުންވާ ކުދިންނަށް ޤުރުއާން ހިތުދަސްކުރުމުގެ ހުނަރު ދަސްކޮށްދީ ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގައިދިނުމަށް ބެނުންވާކަމަށް ވިދާޅުވެ މާލޭ ސިޓީ ކައުންސިލަށް އުޔޫން އިންސްޓިޓިއުޓްގެ ފަރާތުން ހުށަހެޅި ހުށަހެޅުމާބެހޭ ގޮތުން މާލޭ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި އެފަދަ ޤުރުއާން ކުލާސްތަކެއް ހިންގުމަކީ މާލޭ ސިޓީ ކައުންސިލުންވެސް އެދޭ އެދުމެއް ކަމުގައިވާތީ، މާލޭ ސިޓީގައި ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގުމަށް މާލޭ ސިޓީ ކައުންސިލާއި އުޔޫން އިންސްޓިޓިއުޓު އާއިދެމެދު މަޝްވަރާކުރެވި، ހިތުދަސްކުރުމުގެ ކްލާސްތައް މާލޭ ސިޓީގައި ހިމެނޭ ހަތަރު މިސްކިތެއްގައި ހިންގުމަށް ދެފަރާތުގެ ޒިންމާތަކާއި މަސްއޫލިއްޔަތު ބަޔާން ކުރުމަށް ޤާއިމްކުރެވުނު ފަހުމްނާމާއެއް ކަމުގައެވެ.

 

ސިޓީ ކައުންސިލުން ބުނެފައިވަނީ، މިފަހުމްނާމާގެ މަޤްޞަދަކީ މާލޭ ސިޓީގައި ދިރިއުޅޭ 18 އަހަރުން ދަށުގެ ދިވެހި ކުޑަކުދިންގެ ތެރެއިން ޤުރުއާން ހިތުދަސްކުރުމަށް ބޭނުންވާ ކުދިންނަށް ޤުރުއާން ހިތުދަސްކުރުމުގެ ހުނަރު ދަސްކޮށްދީ ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގައި ޤުރުއާން ހިތުދަސްކުރުމަށް ބޭނުންވާ ކުދިންނަށް އެ ފުރުޞަތުތައް ފަހިކޮށްދިނުން ކަމުގައެވެ.

މިމަސައްކަތަކީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އުޔޫން އިންސްޓިޓިއުޓްގެ އިސްނެގުމުގެ މަތިން ކުރިޔަށް ގެންދާ މަސައްކަތެކެވެ. އަދި މިކުލާސްތައް ހިންގުމަށް ހަމަޖެހިފައިވަނީ، މާލެ ސިޓީގައި ހިމެނޭ މިސްކިތްތަކުގެ ތެރެއިން ހަތަރު މިސްކިތެއްގައެވެ.

މި ފަހުމުނާމާގައި އުޔޫން އިންސްޓިޓިއުޓްގެ ފަރާތުން ސޮއި ކުރެއްވީ އެ އިންސްޓިޓިއުޓްފެ ޑިރެކްޓަރ އޮފް އިންސްޓިޓިއުޓް ޑރ. ޢަލީ ޒާހިރުއެވެ. މާލެ ސިޓީ ކައުންސިލްގެ ފަރާތުން މި ފަހުމު ނާމާގައި ސޮއިކުރެއްވީ މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.