މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތާއި ގުޅުންހުރި މައްސަލަތަކެއްގައި ދައުވާ ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ ޝަރީއަތް މިއަދުވެސް ނުފެށުނެވެ.
ނިހާންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ އިބްތިދާއީ މަރުހަލާގެ ފުރަތަމަ އަޑުއެހުން ބޭއްވީ މީގެ ދެ އަހަރު ކުރިން ފެބްރުއަރީ 11، 2021 ގައެވެ. އިބްތިދާއީ މަރުހަލާއަކީ ޝަރީއަތް ފެށުމުގެ ކުރިން ކުރިއަށްދާ މަރުހަލާއެކެވެ. އެ މަރުހަލާގައި އޮންނާނީ ދައުވާ އިއްވުމާއި، ދައުވާއަށް ޖަވާބުދާރީވުމާއި، ހެކި ހާމަކުރުމާއި، ޝަރީއަތް ފެށުމުގެ ކުރިން ހުށަހެޅުމެއް އޮތް ނަމަ އެ ހުށަހެޅުންތަކަށް ފުރުސަތު ދިނުމެވެ.
އެ މަރުހަލާ ނިމިގެން މިއަދު ތާވަލުކުރީ އިފްތިތާހީ ބަޔާން އިއްވުމުގެ އަޑުއެހުމެކެވެ. އިފްތިތާހީ ބަޔާން ނުވަތަ އޯޕެނިން ސްޓޭޓްމަންޓަކީ، ޝަރީއަތް ފެށުމުގެ ގޮތުން ހުރިހާ ހަސްމުން އިއްވާ ބަޔާނެކެވެ. މައިގަނޑު ގޮތެއްގައި ފާހަގަކުރާނީ ކޮންމެ ބަޔަކު ވެސް ޝަރީއަތް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ސްޓްރެޓެޖީއެވެ.
ނަމަވެސް ހެއްކާ ބެހޭ އާ ގާނޫނަށް މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާތީ އާއި އެ ގާނޫނުގައި ހެކި ބަލައިގަތުމާ ގުޅޭ މާއްދާތަކެއް ހިމެނޭތީ، ނިހާންގެ ވަކީލު ހުސްނީ މުބާރަކު އެދިވަޑައިގަތީ ދައުލަތާއި ދިފާއުގެ ހެކި ލިސްޓު މުރާޖައާ ކުރުމަށް ފުރުސަތެއް ދިނުމަށެވެ. މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ހެކި ލިސްޓު މުރާޖައާ ކުރުމުގެ ފުރުސަތު ނުދެއްވިއެވެ.
ހެއްކާ ބެހޭ އާ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ކްރިމިނަލް ކޯޓުގައި އަމަލުކުރަމުން އަންނަނީ މައްސަލަ ކުރިއަށް އޮތް ހިސާބުން ކުރިއަށް ގޮސް ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކާއިރު ގާނޫނަށް ރިއާޔަތްކުރުމަށް ފުރުސަތު ދޭގޮތަށް ކަމަށް ގާޒީ އަލީ އާދަމް ވިދާޅުވިއެވެ. އިފްތިތާހީ ބަޔާން ނުވަތަ އޯޕެނިން ސްޓޭޓްމަންޓަށް ތައްޔާރުވުމަށް އިތުރު ފުރުސަތެއް ދިނުމަށްވެސް ނިހާންގެ ވަކީލު އެދިވަޑައިގެންނެވިއެވެ. ގާޒީ ވަނީ އެކަމަށް ހަތް ދުވަހުގެ ފުރުސަތެއް ދެއްވާފައެވެ.
ނިހާނަށް ދައުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ހުންނެވި ދުވަސްވަރު ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުގެ ފަރާތްޕުޅުން ރިޝްވަތަށް އެދިވަޑައިގަތުމާއި ރިޝްވަތު ހިއްޕެވުމާއި އެގޮތަށް ހޯއްދެވި ފައިސާ ލޯންޑާ ކުރެއްވުމުގެ ކުށުގައެވެ.
މީގެ ކުރީން އޮތް އަޑުއެހުމެއްގައި ދައުލަތުން ވަނީ ނިހާންގެ މިލްކިއްޔާތުގައި ހުރި ބައެއް ތަކެތި ދައުލަތަށް ނެގުމަށް ވެސް އެދިފައެވެ. މީގެތެރޭގައި ނިހާންގެ ޕްލެޓިނަމް ރެސިޑެންޓް ފްލެޓާއި، ރޮލެކްސް (ސަބްރީނާ) ބްރޭންޑްގެ ގަޑިއެއް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ