ހދ.ނާގޯށި ތަރައްގީކޮށް އަންނަ އަހަރު ހުޅުވާނެ: އެމްޓީޑީސީ

ހދ.ނާގޯށި ތަރައްގީކޮށް އަންނަ އަހަރު ހުޅުވާނެ: އެމްޓީޑީސީ

ހދ. ނާގޯށީގައި ތަރައްގީކުރާ ރިސޯޓުގެ މަސައްކަތް އަންނަ އަހަރު ނިންމައި، ހުޅުވާނެ ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލު އަބްދުލްސަމަދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެމްޓީޑީސީގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ދުބާއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ރޯ ގަލަދާރީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި ރިސޯޓު ތަރައްގީ ކުރެވިގެންދާނީ ޒަމާނީ ފެންވަރުގައި އެންމެ ފަހުގެ ވަސީލަތްތަކާ އެކުކަމަށާއި، ދެ ފިޔަވައްސަކަށް ބަހާލައިގެން ތަރައްގީކުރާ އެ ރިސޯޓުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަހަރު ނާގޯށި ތަރައްގީކުރަން 300-400 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކުރެއެވެ. އެ ރިސޯޓުގައި 835 ކޮޓަރި ތަރައްގީކުރަނީ ޖުމްލަ 1600 އެނދު ހިމެނޭ ގޮތަށެވެ.

2007 ގަވަނަ އަހަރު ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ރަޝިޔާގެ ކުންފުންޏެއް ކަމަށްވާ ތްރީކޭ އާ އެންމެ ފުރަތަމަ ހަވާލުކުރީ، އެ ރަށުގައި 600 އެނދުގެ ރިސޯޓެއް ތަރައްގީކުރުމަށެވެ.

ނާގޯށި ތަރައްގީކުރަނީ ދުބާއީގެ ރޯ ގަލަދާރީ ކުންފުންޏާއި އެމްޓީޑީސީން ހަދާފައިވާ ޖޮއިންޓް ވެންޗަރއެއްގެ ދަށުންނެވެ. އެ ރަށް ތަރައްގީ ކުރާއިރު، ރޯ ގަލަދާރީގެ ހިއްސާއަކީ 85 ޕަސެންޓެވެ. ބާކީ 15 ޕަސެންޓް ހިއްސާ ވަނީ އެމްޓީޑީސީ އެވެ.

އެހެންނަމަވެސް އެ ޑީލް ހެދީ ރިސޯޓު ހިންގުމުގެ ފައިދާގެ ފިކްސްޑް އަދަދެއް ކޮންމެ މަހަކު ވެސް އެމްޓީޑީސީ އަށް ލިބޭ ގޮތަށެވެ.

ތަޒްމީލް ވިދާޅުވީ އަމިއްލައަށް ރިސޯޓު ހިންގައިގެން އެކަމުން ފައިދާ ބޮޑު ކުރެވޭނެ ކަމަށާއި އެކަމުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްގެންދާނެ ކަމަށެވެ.

އެމްޓީޑީސީ އަކީ ސަރުކާރުގެ 47 ޕަސެންޓް އަދި އާންމު ހިއްސާދާރުންގެ 53 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެވެ. އެކުންފުނީގައި އާންމުގެ ހިއްސާދާރުންގެ ގޮތުގައި 24،000 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *