ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންތިޚާބުގައި އިތުރު ދައުރަކަށް ރައީސްގެ މަގާމަށް ވާދަނުކުރައްވަން އެ އެސޯސިއޭޝަނުގެ އިންތިޚާބީ ރައީސް މުޙައްމަދު ލަތީފް ނިންމަވައިފިއެވެ.
ވީއޭއެމްގެ ރައީސްކަމަށް އޭނާ ކުރިމަތިލެއްވި ހަގީގީ މަގުސަދު މިހާރު ހާސިލުކުރެވިފައިވާ ކަމަށާއި، އެގޮތުން ވޮލީބޯޅަ ރިފޯމުކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި، ވޮލީބޯޅަ ރާއްޖޭގައި ފޯރިގަދަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރެވުނު ކަމަށް ލަތީފް ވިދާޅުވިއެވެ. އެހެންކަމުން އައު އިންތިޚާބުގައި ވާދަނުކުރަން މިހާރު ނިންމާފައިވާ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން އައު ހިންގާ ކޮމިޓީއާ ވީއޭއެމް ހަވާލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ އޭނާގެ ހަތަރު އަހަރުގެ ދައުރު މި އަހަރުގެ އޮކްޓޯބަރު މަހު ހަމަވެފައިވާ ކަމަށާއި، އެހެންކަމުން ވީއޭއެމްގައި މިހާރު ހުރި މައްސަލަތައް އިތުރަށް ބެލުމުގެ ބަދަލުގައި، އެ އެސޯސިއޭޝަނުގެ ދެފުށް ފެންނަ އިންތިޚާބެއް ބާއްވައިދިނުމަށް އެފްއައިވީބީގައި މިހާރު އެދެފައިވާނެ ކަމަށެވެ.
މިދިޔަ އަހަރު ޖޫން މަހު، ލަތީފްގެ ލީޑަޝިޕާ ގުޅޭ މައްސަލަތަކެއް ބަލައި ކޮމިޝަނާ އޮފް ސްޕޯޓްސް ހިނާ އަހުމަދު ސަލީމް (ބޮޑުހީނާ) ވަނީ ލަތީފްގެ ލީޑަޝިޕް އުވާލައި ނޯމަލައިޒިން ކޮމިޓީއަކާ އެސޯސިއޭޝަން ހިންގުން ހަވާލުކޮށްފަ އެވެ. ނޯމަލައިޒިން ކޮމިޓީގެ ދައުރު ހަމަވީ ވީއޭއެމްގެ އިންތިހާބެއް ނުބޭއްވި އެވެ. އޭގެ ފަހުން ކްލަބްތަކުން އިސްވެ ލަތީފްގެ އިތުބާރު ނެތްކަމަށް ފާސްކޮށް އެސޯސިއޭޝަން ހިންގުން ތިން މެމްބަރުންގެ ކޮމިޓީއަކާ ހަވާލުކުރި ނަމަވެސް ބައިނަލްއަގުވާމީ ފެޑަރޭޝަންތަކުން އަދިވެސް ވީއޭއެމްގެ ކަންތައްތަކުގައި މުއާމަލާތްކުރަނީ ލަތީފާ އެވެ.

ވީއޭއެމްގެ މައްސަލައަށް ހައްލެއް ނުލިބި އެއް އަހަރާއި ހަތަރު މަސް ވެފައިވާއިރު، ވީއޭއެމުގެ މައްސަލައަށް ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ، އެފްއައިވީބީ ވަދެފައިވަނީ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ބާރު ކަނޑުވާލާފައިވާތާ ހަ މަހަށް ވުރެން ގިނަ ދުވަސްވެފައިވަނިކޮށެވެ. ކުޅިވަރާ ބެހޭ ވުޒާރާ އާއި ސްޕޯޓްސް ކޮމިޝަނުން ވީއޭއެމްގެ ހިންގުމުގެ ތެރެއަށް ވަދެ، ދެ ފަހަރެއްގެ މަތިން ކޮމިޓީއެއް އެކުލަވާލާ އިންތިޚާބަކާ ހަމަޔަށް އެސޯސިއޭޝަން ގެންދިޔުމަށް މަސައްކަތް ކޮށްފައިވެއެވެ.
އެފްއައިވީބީން ވީއޭއެމްގެ މައްސަލައަށް ސީދާ ގޮތެއްގައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެފްއައިވީބީގެ ރައީސް ޑރ. އަރީ ގްރާސާއާ ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގް (މަރޭ) ބައްދަލުކުރެއްވުމާ ހަމައިންނެވެ.
އެއަށްފަހު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެފްއައިވީބީގެ ދެ ބޭފުޅަކާއި، އޭވީސީގެ ބޭފުޅަކާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބޭފުޅަކާއި، ވީއޭއެމްގެ އިންތިޚާބީ ހިންގާ ކޮމިޓީގެ ބޭފުޅަކާއެކު މި މައްސަލަ ބެލުމަށް ވަނީ "އެޑްހޮކް ކޮމިޝަން" އެއް އުފައްދާފައެވެ.
ކޮމެންޓު ފޮނުވާ