ޑިމޮކްރަސީ އެންމެ ވާންކޮށް އައި އިރުގައި، ނަފްސާނީ ނުވެ ހުރީ އޭނާ އެކަނިކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަފްސާނީ ސިއްޙަތާ ގުޅޭ ވަށައިޖެހޭ ސިޔާސަތުތަކެއްގެ ތެރެއިން މި ޚިދުމަތްތައް ލިބޭނެ ނިޒާމެއް ޤާއިމުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ތިމަރަފުށީ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒު ހުށަހެޅުއްވި ޤަރާރާއި ގުޅިގެން ކުރިއަށް ދިިޔަ ބަހުސް މަރުހަލާގައެވެ.
ޤަރާރާއި ގުޅިގެން ކުރިއަށްދިޔަ ބަހުސް މަރުހަލާގައި ޖާބިރު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މުޅި މަޖިލީހަށް ބަލާއިރުވެސް ނަފްސާނީ ނުވެ ހުރީ އޭނާ އަކަނިކަމަށެވެ.
2004 ވަނަ އަހަރުން ފެށިގެން މަޖިލީހުގައި މަސައްކަތްކުރައްވަމުން މިހިސާބަށް އައިސްފައިވާއިރު، އާންމު ގޮތެއްގައި އަޅުގަނޑު ނިޒާމީ ނުކުތާއެއް ނެންގެވުމުން އެކަން ވަނީ ބަދުއަޙްލާގީ ކަމެއްކަމަށް ވިދާޅުވިއެވެ. މަޖިލީހުގައި ހޭދަވި ދުވަސްތަކަށް ބަލާއިރު ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ސަރުކާރުގެ ދައުރުތަކުގައި މަޖިލީހުގެ ރައީސް އަބަދު އެއް ކަންތައްތަކެއްގެ ވާހަކަ ތަކުރާރު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ގެންދަވާތީ، 2006 ވަނަ އަހަރު ނިޒާމީ ނުކުތާ ނަންގަވާ މަޖިލީހުގެ ރައީސްގެ އަރިހުން އެދިލެއްވީ އަބަދު އެކައްޗެއް ތަކުރާރުކޮށް ނުކިޔުއްވުމަށްކަމަށާއި ތަފާތު އެއްޗެއް ލިޔުއްވުމަށް އިރުޝާދު ކުރެއްވިކަމަށެވެ. އަދި މިކަން މިގޮތަށް ކުރެއްވުމުން އޭނާ ވެގެން ދިއައީ ވަރަށް ބަދު އަޙްލާގީ މީހަކަށްކަމަށް ވިދާޅުވިއެވެ.
އަދި މިހާރު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވާ ދުވަސްތަކުގައި މަޖިލީހުގެ ތަޅުމުގައި މެމްބަރުން އުޅުއްވާ ގޮތްތަކަކީ ބަދުއަޙްލާގީ ކަންކަން ކަމަށް ދެކެވަޑައި ނުގަންވަނީތޯ ޖާބިރު ވަނީ މަޖިލީހުގެ ރައީސްއާއި ސުވާލްކުރައްވާފައެވެ.
މީގެ އިތުރުން ޕްރައިމަރީ އަކީ ނަހަލާލު އެއްޗެއްކަމަށް ޖާބިރު ވިދާޅުވިއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ ޑީއާރްޕީގެ ޕްރައިމަރީގައި ކާށިދޫ ދާއިރާއަށް ކުރިމަތިލުމުން ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހުމުންކަމަށް ވިދާޅުވިއެވެ.
ޕްރައިމަރީގައި ނާކާމިޔާބުވުން ވެގެންދިއައީ ނަފްސާނީ ކަމަކަށްކަމަށް ވިދާޅުވިއެވެ. ނަމަވެސް އެކަމާއި ގުޅިގެންވެސް އޭނާ ނަފްސާނީ ނުވާކަމަށް ވިދާޅުވިއެވެ. ޕްރައިމަރީ އަކީ ޤަބޫލްކުރެވޭ އެއްޗެއް ނޫންކަމަށް ބަލައި، އެކަން އެގޮތަށް ވިސްނައި ކޯޓަށް ގޮސް މައްސަލަ ހުށަހަޅައި ކާށިދޫ ދާއިރާގެ ގޮނޑު ނަގާފާވާނެކަމަށް ޖާބިރު ވިދާޅުވިއެވެ.
އަބްދުﷲ ރިޔާޒު ހުށަހެޅުއްވި ޤަރާރުގައި ވަނީ، ރާއްޖޭގެ ރައްޔިތުންނަށް ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ޚިދުމަތްތަކާއި ނަފްސާނީ ސިއްޙަތުގެ ފަރުވާ ދިނުމާބެހޭ ހަރުދަނާ އޮނިގަނޑެއް ނެތުމުގެ ސަބަބުން ހުށަހަޅާ ޤަރާރެއްކަމަށެވެ. އަދި ރާއްޖޭގެ އާބާދީއާ އެކަށޭނަ މިންވަރަކަށް މި ޚިދުމަތްތައް ލިބެން ނެތް މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލާ ހުށަހަަޅާ ޤަރާރެއްކަމަށްވެސް މިޤަރާރުގެ ދީބާޖާގައި ޢަބްދުﷲ ރިޔާޒް ވިދާޅުވެފައިވެއެވެ.
ޤަރާރުގައި ފާހަގަކުރާއްވާފާއިވާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ނަފްސާނީ ބަލީގެ ޙާލަތާމެދު އެކަށީގެންވާ ސަމާލުކަމެއް ދެވިފައި ނުވާކަމަށާ، ސަރުކާރުން ހާމަކުރައްވާފައިވާ ސިޔާސަތުތަކާ އެއްގޮތަށް ޢަމަލީ ފިޔަވަޅުތަކެއް އެޅިފައި ނުވާކަން ފާހަގަކުރައްވާފައިވެއެވެ.
އެހެނކަމުން މިކަންކަން ޙައްލުކުރައްވައި ހަރުދަނާ ނިޒާމެއްގެތެރެއިން ނަފްސާނީ ސިއްހަތުގެ ޚިދުމަތްތައް އެކަށޭނަ ގޮތެއްގައި ލިބޭނެ ނިޒާމެއް ޤާއިމުކުރުމަށް ގޮވާލާފައިވެއެވެ.