ހުޅުމާލޭގައި "ގެދޮރުވެރިކުރުން ޕްރޮގްރާމް"ގެ ދަށުން ތަރައްޤީކުރި 704 ފްލެޓްއިން ބޯހިޔާވަހިކަން ލިބުނު މީހުންގެ ތެރެއިން، ކުލި ދެއްކުމުގައި ދަތިތައް ހުރި މީހުންނަށް އިތުރު ލުޔެއްދީ މިމަހުގެ 28 ގެ ނިޔަލަށް ކުލި ދެއްކުމަށް ލުއި ދިނުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހަމަޖައްސައިދީފިއެވެ.
ފްލެޓް ލިބުނު މީހުންގެ ތެރެއިން އެކިއެކި ސަބަބުތަކާހުރެ މަހު ކުލި ނުދެއްކި ހުރި ފަރާތްތަކުން އައުޓްސްޓޭންޑިންއާއެކު ކުލީގެ ޕޭމަންޓް ރީޝެޑިއުލް ކުރަން ބޭނުންވާ ފަރާތްކަށް އެ ފުރުޞަތު މިނިސްޓްރީއިން މިހާރު ވަނީ ހުޅުވާލާފައެވެ.
ޕްލޭނިންގ މިނިސްޓްރީއިން ކޮށްފައިވާ އިޢުލާންގައިވާ ގޮތުން، މިހާތަނަށް ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ އައުޓްސްޓޭންޑިންއާއެކު ޕޭމަންޓް ރީޝެޑިއުލް ކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 28 ގެ ނިޔަލަށް މިނިސްޓްރީއަށް އެކަން ހުށައެޅުމަށް ވަނީ އަންގާފައެވެ.
ގެދޮރުވެރިޔާ ޕްރޮގްރާމްގެ ތެރެއިން ތަރައްޤީކުރި 704 ހައުސިން ޔުނިޓްއިން ފްލެޓް ލިބުނު ވަރަށް ގިނަ ބަޔަކަށް މީގެކުރިންވެސް މިގޮތަށް ކުލި ދެއްކުމުގައި ލުއިތައް ދީފައިވެއެވެ. އެގޮތުން އެފަދަ ފަރާތްތަކަށް، ނުދެއްކި ހުރި ފައިސާއާއި ޖޫރިމަނާ، ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން 6 މަސް ދުވަހަށް ބަހާލައިގެން ދެއްކޭނެ ގޮތް މިދިޔަ އަހަރުގެ ކުރީކޮޅު ހަމަޖައްސައިދީފައިވެއެވެ.
ނަމަވެސް އަނެއްކާވެސް ފައިސާ ދެއްކުމުގައި އިތުރު ގޮތްތަކެއް ހޯދައިދިނުމަށް ޕްލޭނިން މިނިސްތްރީއިން ނިންމާފައިވަނީ، މިހާރުވެސް ބައެއް ފަރާތްތަކުން ކުލި ދައްކަމުން ނުދާތީކަމަށް އެ މިނިސްޓްރީއިން ފާހަގަކޮށްފައިވެއެވެ.
ޗައިނާ އެގްޒިމް ބޭންކުގެ ލޯންގެ އެހީގައި ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 704 ފްލެޓުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނުންނެވެ. މި ފްލެޓުތަކުގެ މަސައްކަތް ނިންމާ މީހުން ދިރިއުޅެން ފަށާފައިވަނީ 2018 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. މިއީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ސޯޝަލް ހައުސިންގއަށް ޚާއްސަކޮށްގެން އެންމެފަހުން ދޫކޮށްފައިވާ ފްލެޓްތަކެވެ.