ދެކުނުގެ އަތޮޅުތައް މިއަހަރު އާރުޓީއެލްއިން ގުޅާލަނީ

ދެކުނުގެ އަތޮޅުތައް މިއަހަރު އާރުޓީއެލްއިން ގުޅާލަނީ

Author
ޢަލީ އާދަމް
07 ފެބްރުއަރީ 2023 10:24
0

ރާއްޖޭގެ ރަށްތައް ދަތުރުފަތުގެ ނިޒާމަކުން ގުޅާލުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކުރިއަށްގެންދާ ރާއްޖެ ޓްރާންސްޕޯޓު ލިންކު (އާރުޓީއެލް)ގެ ދަތުރުފަތުރުގެ ނިޒާމުން މިއަހަރު ނިމުމުގެ ކުރިން ދެކުނު ހަތަރު އަތޮޅުގެ ރަށްތައް ގުޅާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އިއްޔެ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ރައްތައް އިޤްތިޞާދީ، އިޖުތިމާއީގޮތުން ގުޅުވައި އިޤްތިޞާދު ހިނގާ އިންޖީނަކީ، އާރުޓީއެލްގެ ދަތުރުފަތުރުގެ ނިޒާމުކަމަށެވެ. އެހެންކަމުން މިނިޒާމުގެ ފަސޭހަކަން މުޅި ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ފޯރުކޯށްދެއްވުމަކީ ސަރުކާރތުގެ މުހިންމު އަމާޒެއްކަން ރައީސް ފާހަގަކުރެއްވިއެވެ. މިހާރު މިނިޒާމުގެ ދަތުރުތައް ފެށިފައިވާ އަތޮޅުތަކުން މިސާލު ދައްކަވަމުން ރައީސް ވަނީ މިނިޒާމުގެ ފަސޭހަކަމާއި ބޭނުންތެރިކަން ފާހަގަކުރައްވައި މުޅި ރާއްޖެ މިނިޒާމުން ގުޅުވާލައްވާނެކަމަށް ވިދާޅުވެފައެވެ.

"އިރާދަކުރެއްވިއްޔާ، މި އަހަރު ނިމުމުގެ ކުރިން ހުވަދުއަތޮޅާއި، ފުވައްމުލަކު އަދި އައްޑޫ، އާރު.ޓީ.އެލް.ގެ މި ނިޒާމުން ގުޅައިލާނެ. މިގޮތަށް ކުރިއަށް ގޮސް، ރާއްޖޭގެ ހުރިހާ ރަށެއް، އާރު.ޓީ.އެލް. އިން ގުޅައިލާނަން. އާރު.ޓީ.އެލް.ގެ މިނީބަހުގެ ޚިދުމަތް، މާލެ ސަރަޙައްދާއި، ބޮޑެތި ރަށްތަކުގައި ފެށިއްޖެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް)އަކީ ސްޕީޑް ފެރީގައި ސަރުކާރުން ފަށްޓަވާފައިވާ ދަތުރުފަތުރުގެ ދެމެހެއްޓެނިވި ޚިދުމަތެކެވެ. މިޚިދުމަތް ކުރިއަށް ގެންދާނީ 6 ޒޯނަކަށް ބަހާލައިގެންނެވެ. މިއީ ޒަމާނީ ފަސޭހަތަކާއެކު ފަރުމާކޮށްފައިވާ ސްޕީޑް ލޯންޗުތަކެކެވެ. މިޚިދުމަތް ދެނީ އެމްޓީސީސީގެ ދަށުންނެވެ. ޚިދުމަތަށް ބޭނުންވާ ފެރީޓާމިނަލްތަކާއި ޚިދުމަތަށް ފައިސާ ދެއްކޭނެ ފަސޭހަ ނިޒާމެއްވެސް އެމްޓީސީސީން ހަދާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.