މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް، އާންމުކޮށް ވައިޖެހެމުން ދާއިރު މެދު ރާއްޖެތެރެއާއި އުތުރު އަތޮޅުތަކުގައި ވައި ނުސާފުވެ، ލޮލަށް ފެންނަ ދުރުމިން ދަށަށް ގޮސްފައިކަން މެޓް އޮފީހުން ހާމަ ކޮށްފިއެވެ.
މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާންމު ގޮތެއްގައި 10 ކިލޯ މީޓަރަށްވުރެ ދުރަށް ފެނުނު ނަމަވެސް މިއަދު ހެނދުނު 7:00 އިން ފެށިގެން ޚާއްސަކޮށް މެދު ރާއްޖެތެރޭ ހިމެނޭ ސަރަހައްދުގައި މިމިންވަރުން އެވްރެޖްކޮށް 4 ކިލޯ މީޓަރު ދަށްވެފައި ވާކަމުގައެވެ.
ރާއްޖެސަރަހައްދުގައި ވައި ނުސާފުވެ، ލޮލަށްފެންނަ ދުރުމިން ވަނީ ދަށްވެފަ pic.twitter.com/c2gszjXpwO
— Maldives Meteorology (@MetMaldives) January 31, 2023
މެޓް އޮފީހުން ބުނެފައިވަނީ ދުރު ފެންނަ މިންވަރު ދަށްވުމުގައި ވައިގެ މިސްރާބާއި ބާރުމިން އަދި ވާރޭވެހޭ ވެހުން މުހިންމު ދައުރެއް އަދާކުރާ ކަމުގައެވެ. އަދި އިރުވައި މޫސުމްގެ ގިނަ ދުވަސްތަކެއްގައި އާންމުކޮށް ރާއްޖޭގެ ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވެގެން ދާކަމަށްވެސް މެޓް އޮފީހުން ބުނެފައި ވެއެވެ.
ރާއްޖޭގެ ސަރަހައްދުގައި އެވަގުތެއްގެ ވައިގެ ސާފު މިންވަރު ނުވަތަ "އެއަރ ކޮލިޓީ އިންޑެކްސް" އައި.ކިއު އެއަރގެ ވެބްސައިޓް އިންނާއި އަދި މޯބައިލް އެޕްލިކޭޝަން "އެއަރވިޝުއަލް"އިން ބަލޭލެވޭނެކަމަށްވެސް މެޓް އޮފީހުން ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ