ފަތުރުވެރިކަން ތަރައްގީ ކުރުމަށް އަމާޒު ކޮށްގެން 9 އަތޮޅެއްގައި 14 މަޝްރޫއެއް ހިންގުމަށް އިއުލާން ކުރުމަށް ސަރުކާރުން ތައްޔާރު ވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި މިފަހަރު ހުޅުވާލާ ފުރުސަތުތަކުގެ ތެރޭގައި ރާއްޖޭގެ 9 އަތޮޅޭއްގައި 14 މަޝްރޫއެއް ހިންގުމަށް ބީލަކަށް ހުޅުވާލެވޭނެއެވެ. ފަޅާއި ރަށްތައް ތަރައްގީ ކޮށްގެން ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓު ކުރުމަށް ފުރުސަތު ހުޅުވާލުމަށް ހަމަޖެހިގައިވަނީ އަންނަ ހޯމަ ދުވަހުއެވެ.
މިގޮތުން 14 މަޝްރޫއެއް ހިންގުމަށް ފުރުސަތު ހުޅުވާލުމަށް ހަމަޖެހިގައިވާ އަތޮޅު ތަކަކީ:
- ތ. އަތޮޅު – 1 މަޝްރޫޢު
- ގއ. އަތޮޅު – 2 މަޝްރޫޢު
- ގދ. އަތޮޅު- 3 މަޝްރޫޢު
- ހއ އަދި ހދ އަތޮޅު – 3 މަޝްރޫޢު
- މ. އަތޮޅު – 1 މަޝްރޫޢު
- ރ. އަތޮޅު – 1 މަޝްރޫޢު
- ފ. އަތޮޅު – 2 މަޝްރޫޢު
- ކ. އަތޮޅު – 1 މަޝްރޫޢު
ރިސޯޓު ތަރައްގީ ކުރުމަށް ދޫކޮށްފައި ހުރި ރިސޯޓުތައް ހެދުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށް ދެމުން ދާއިރު، ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
މިފެށުނު 2023ގައި މުޅިން އަލަށް 9 ރިސޯޓެއް ހުޅުވިގެން ދާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާއިރު، ފާއިތުވެދިޔަ އަހަރުވަނީ އަލަށް 5 ރިސޯޓެއް ހުޅުވިފައެވެ.
އަދި ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ފަތުރުވެރިކަމުން ސިނާއަތުގައި ހުރި 1،207 އަކުން 59،608 އެނދު މިހާރު ސިނާއަތުގައި އެބަހުއްޓެވެ. މީގެ ތެރެއިން އެންމެ ގިނަ އެނދު ހުރީ ރިސޯޓްތަކުގައެވެ. މިގޮތުން 168 ރިސޯޓަކުން 41049 މިހާރު ފަތުރުވެރިކަމުގެ ސިނާއަތުގައި އެބަހުއްޓެވެ.